ހާޓްފޯޑް (21 ޑިސެމްބަރު) - ކޮވިޑް-19 އަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ބޭނުންކުރަން ފަށައިފި އެވެ.

މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ހުއްދަ ދިނުމާއެކު ވެކްސިން އެކިއެކި ސްޓޭޓްތަކަށް ފޮނުވުމުގެ މަސައްކަތް ޕޯސްޓަލް ސާވިސް މެދުވެރިކޮށް ވަނީ ފަށާފަ އެވެ.

މެޑޯނާ ވެކްސިން އެންމެ ފުރަތަމަ ދިނީ ކަނެޓިކަޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކަށެވެ. މެންޑީ ޑެލްގާޑޯ އަށް ވެކްސިން ދެވުނުތަން ވަނީ ވަގުތުން ދުރަށް ދައްކާފަ އެވެ. އެމެރިކާއަކީ މޮޑާނާ ވެކްސިން ދޭން ފެށި ފުރަތަމަ ގައުމެވެ.

އެމެރިކާގައި ފައިޒާ ވެކްސި ދޭން ފެށި ކަމުގައި ވީނަމަވެސް ކޮވިޑް ރޯގާގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންނާއި މަރުވާ މީހުންގެ މިންވަރު މަދެއް ނުވެ އެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް ރޯގާ ޖެހިގެން 17.9 މިލިއަން މީހުން އެމެރިކާގައި ރިކޯޑް ކުރެވިފައިވާއިރު 318،000 މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ. – ސްޓެއިޓް ޓައިމްސް