ކަތަމަންޑޫ (15 ޖެނުއަރީ) ނޭޕާލްގެ ފަރުބަދަ މަތީ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އެގައުމުގެ ޑޮމެސްޓިކް އެއާލައިނެއް ކަމުގައިވާ ޔެޓި އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި 40 މީހުން މަރުވެއްޖެ އެވެ.

ނޭޕާލްގެ އޭވިއޭޝަން އޮތޯރިޓީއިން ބުނީ ޔެޓި އެއާލައިންސްގެ މަތިންދާބޯޓު ވެއްޓިފައިވަނީ ޕޮކަރެލް ނަމަކަށް ކިޔާ ހިސާބަކަށް ކަމަށާއި އެ ސަރަހައްދުގައި ރެސްކިއު މިޝަން މިހާރު ފަށާފައި ކަމަށެވެ.

ސޯޝަލް މީޑިއާއާއި ނޭޕާލްގެ މީޑިއާއިން އާއްމުކޮށްފައިވާ ވީޑިއޯ ތަކުން ބޯޓު ވެއްޓުނު ސަރަހައްދުގައި ދުން ބޯވެފައިވާއިރު ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވެފައިވާތަން ފެނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވެއްޓިފައިވަނީ 72 މީހުންގެ ޖާގައިގެ އޭޓީއާރް 72 މޮޑެލްގެ މަތިންދާ ބޯޓެކެވެ. ބޯޓު ވެއްޓުނުއިރު ދެ ތުއްތު ކުދިންނާއި 10 ބިދޭސީންގެ އިތުރުން ހަތަރު ކްރޫންނާއެކު ޖުމްލަ 72 މީހުން ބޯޓުގައި ތިބި ކަމަށްވެ އެވެ.

ވެއްޓުނު މަތިންދާ ބޯޓަކީ 15 އަހަރު ފުރިފައިވާ ބޯޓެއް ކަމަށް އޭވިއޭޝަން ވެބްސައިޓެއް ކަމަށް ފްލައިޓް ރާޑާ24 އިން ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ތަކާއެކު ވައިގެ އެކްސިޑެންޓުތަކަކީ ނޭޕާލުގައި އާއްމުކޮށް ހިނގާ ކަމެކެވެ. މީގެ ކުރިންވެސް މޫސުން ގޯސްވުމާއި ފަރުބަދަތަކުގައި ޖެހިގެން ވައިގެ ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވެ އެވެ.

މި ހާދިސާއާއެކު ނޭޕާލުގެ ބޮޑުވަޒީރު ވަނީ އެމަޖެންސީ ކެބިނެޓު ބައްދަލުވުމެއް ރާވާފައި ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ