ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ރައީސް ސޯލިހުގެ އިތުރުން މި މަޝްރޫއު ފައްޓަވައިދެއްވުމަށްޓަކައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ރާއްޖެ ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެއެވެ.
އެ މަޝްރޫއާބެހޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން, މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.
"މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ މުޅި ތާރީހުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް،" އަމީރު ވިދާޅުވެފައިވެ އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ, މީގެ ކުރީގެ އަހަރުތަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްގީއެއް ކަން މިހާރު ފެންނަން އޮތް ކަމަށެވެ.