މަޝްހޫރު ފިލްމުތަކުގެ ރީމޭކް އުފައްދާއިރު އޭގެ އަސްލު ހިފެހެއްޓުމުގެ ބޮޑު ޒިންމާއެއް އެކްޓަރުންގެ ބޮލުގައި އެޅިގެންދެ އެވެ.

މިފަހަކަށް އައިސް މިފަދަ ފިލްމަކަށް އެންމެ އަޑުގަދަވެފައި ވަނީ ސާރާ އަލީ ހާން އާއި ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1" އެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ކްރިސްޓްމަސްއާއި ދިމާކޮށް އޯޓީޓީ ޑިޖިޓަލް ޕްލެޓްފޯމެއްގަ އެވެ.

މީގެ 25 އަހަރު ކުރިން، 1995 ވަނަ އަހަރު ނެރުނު މި ފިލްމުގެ ފުރަތަމަ ބައިގައި ފެނިގެން ދިޔައީ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ. ކަރިޝްމާއަކީ 90ގެ އަހަރުތަކުގައި މިފަދަ އެތައް ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ.

ދާދި ފަހުން އޮންލައިން ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ސާރާއާއި ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ކަރިޝްމާ ކޮޕީ ކުރަން ބޭނުންނުވާ ކަމަށާއި ކިތަންމެ ބޭނުންވިޔަސް އެ ފެންވަރަށް ނުވެސް ދެވޭނެ ކަމަށެވެ.

"އަހަރެން މި މަސައްކަތް ކުރަނީ މި ފިލްމުގައި އަހަރެންގެ އަމިއްލަވަންތަކަމެއް ދައްކުވައިދެވޭތޯ،" ސާރާ ބުންޏެވެ.