އަލެއްޕޯ (23 ޖެނުއަރީ) - ސީރިއާގެ ދެކުނުގެ ރަށެއް ކަމަށްވާ އަލެއްޕޯގައި މީހުން ދިރިއުޅޭ މަދަނީ އިމާރާތެއް ވެއްޓި ހިނގި ހާދިސާގައި 13 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ސީރިއާގެ ދެވަނައަށް އެންމެ ބޮޑު އަވަށް، އަލެއްޕޯގައި ހުރި ފަސް ބުރީގެ އެ އިމާރާތް ވެއްޓެން މެދުވެރިވީ ފެން ލީކުވެ އިމާރާތުގެ ބިންގާ ބަލިކަށިވުމުގެ ސަބަބުންނެވެ.

މީގެ ކުރިންވެސް އަލެއްޕޯގައި މިފަދަ ހާދިސާތަކެއް ހިނގާފައިވާއިރު މިއީ މީގެ ހައަހަރު ކުރިން ރަޝިއާއިން އެ ސަރަހައްދަށް ދިން ބޮމުގެ ހަމަލާތަކުގެ އަސަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލެއްޕޯގެ ދިރިއުޅުމުގެ ހާލަތު ދަށްވެ ގިނަ ބަޔަކު އެހެން ހިސާބުތަކަށް ބަދަލުވަމުން އަންނައިރު އެ އަވަށުގެ ގިނަ އިމާރާތްތަކަކީ މީހުން ދިރިއުޅެން ރައްކާތެރި ތަންތަން ނޫން ކަމަށް ވޮލަންޓިއަރުން ބުނެފައިވެ އެވެ.

ސީރިއާގެ ސަރުކާރުން ވަނީ އަލެއްޕޯގެ ތަރައްގީ ލަސްވަނީ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފަ އެވެ. -- އަލް އަރަބިއްޔާ