މާބަނޑު ދުވަސްވަރަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ބަލައިގެން ކެއުމުގެ ކަންތައް ކުރިއަށް ގެންދަންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު މައިމީހާގެ ކެއުން ބަހައްޓަން ޖެހޭނީ ވަކި އިމެއްގެ ތެރޭގައެވެ. ބައެއް ކަހަލަ މީރު ކާއެއްޗެހި ކެއުމުން ދުރުވާންވެސް ޖެހޭނެ އެވެ.

މިދުވަސްވަރު ކާންވީ އެއްޗެއްސާއި ނުކާންވީ އެއްޗެހި އެނގިފައި އޮތުމަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ޗީޒް

ޗީޒްގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކާނާ ވިހަވުމަށް އަށް މަގުވަހިވެދާނެ އެވެ. މާބަނޑު މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ޗީޒްގައި ހުންނަ ޖަރާސީމުތަކާ ހަނގުރާމަ ކުރުމުގެ ބާރެއް ނުހުންނާނެ އެވެ. ހާއްސަކޮށް ފުރަތަމަ ޓްރައިމިސްޓަގައި ޗީޒް ކެއުމާ ދުރުވުަށް ބޮޑު ސަމާލުކަމެއް ދޭންޖެހެ އެވެ. އެހެންނޫންނަމަ ބައިގެން ދިޔުން ފަދަ ކަމެއް ދިމާވެދާނެއެވެ.

ބިހާއި އެއްގަމު މަސް

މިއީވެސް ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވެދާނެ ޖަރާސީމް އެކުލެވޭ ކާނާއެވެ. ބިސް އަދި އެއްގަމު މަސް ކާނަމަ ކާންވާނީ ރީތިކޮށް ރޯ ފިލުވައިގެންނެވެ. ބިހަކީ ޕްރޮޓީން އެކުލެވޭ ބާވަތަކަށް ވުމުން ވަކި މިންގަނޑެއްގައި ބިސް ބޭނުންކުރުން ރަނގަޅެވެ. މި ދުވަސްވަރު ސޮފްޓް ބޮއިލްޑް އެގްސް ކެއުމުން ދުރުވާށެވެ. އެއްގަމު މަސް ކާނަމަވެސް އެއްކޮށް ރޯ ފިލުވައިގެން ކެއުމަށް ސަމާލުކަން ދޭށެވެ.

ސީފުޑް

އޮއިސްޓާ، ސޫޝީ ފަދަ އެއްޗެހި ކެއުމަކީ މާބަނޑު ދުވަސްވަރު ރައްކާތެރިކަމެއް ނޫނެވެ. މި ދުވަސްވަރު ކަނޑުމަހުގެ ބާވަތްތައް ކެއުން މަދުކޮށްލުންވެސް ރަނގަޅުވާނެ އެވެ.

ކޮފީ

ކެފެއިން އަކީ ލޭގެ ޕްރެޝަރު މަތި ކުރުވާ ބުއިމެކެވެ. މިއީ މާބަނޑު ދުވަސްވަރު ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާނެ ކަމެެކެވެ. ކެފެއިންގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު މައިމީހާއަށް ކޮންޓްރޯލު ކުރެވުނު ނަމަވެސް ބަނޑުގައިވާ ދަރިފުޅަށް އޭގެ ސަބަބުން ކުރާ އަސަރު ކޮންޓްރޯލެއް ނުކުރެވޭނެ އެވެ.