އިދިކޮޅު ޕާޓީތަކަށް އަންނަ ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް ވާދަކޮށްލުމުގެ ފުރުސަތެއް އޮތީ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފި އެވެ.
އއ. މާޅޮހުގެ ކެމްޕޭން ޖަގަހައިގައި މި ދާއިރާގެ ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ޕްރައިމަރީގައި ކެމްޕޭން ކުރަން އޮތް ފުރުސަތު ހަމަވާން ހަތަރު ދުވަހަށް ވެފައި ވާއިރު، އެހެން ޕާޓީތަކުގެ ނުފޫޒު މި ޕްރައިމަރީގެ ތެރެއަށް ވަދެފައިވާ މިންވަރު ފެންނަމުންދާ ކަމަށެވެ. އެ މަނިކުފާނުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ އިދިކޮޅު ޕީޕީއެމް އިން މި ޕްރައިމަރީއާ ދިމާކޮށް ހިންގާ ހަރަކާތްތަކަށެވެ.
"މިހާ ހިސާބަށް އައިއިރު މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، މީގެ ތެރޭގައި އެހެން ކުލަތައް އެބަ ޖެހޭ. ވިސްނަން ވާނެ މިކަމާ ދޭތެރޭގައި، ބޭނުމަކީ ކޮބައިކަން. ބައެއް ރަށްރަށުން އެ މަންޒަރު މިހާރު ފެންނަމުން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.
ގަދަ ވިއްސާރައިގައި ރައީސް ސޯލިހު އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނު އެވެ. އެ ގަޑީގައި ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް، ބަނދަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން، ކުޑަ ނަގައިގެން އެ މަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ތިއްބެވެ.
"ތި ބޭފުޅުން ވިސްނަވަން ވާނެ އޭގެ މަގުސަދަކީ ކޮބައިކަން. އެބޭފުޅުން އެކުރައްވަނީ ކޮންކަމެއް ކަން. ސާފުކޮށް އެެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވެން އޮތްކަން އެނގޭތީ އެކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެބޭފުޅުން އެެކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ މިތިބީ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ފަރާތްތަކުން ކުރާ މަސައްކަތް ބައެއް ރަށްރަށުން މިހާރު ފެންނަމުން އެބަދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތްކުރެއްވީ އެމަނިކުފާނުގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ދާދި ފަހުން ތުޅާދުއަށް ކުރެއްވި ދަތުރުގައި ހިނގި ކަންތަކަށެވެ.
ހިސާން ތުޅާދުއަށް ވަޑައިގެންނެވުމުން ބަޔަކު އޭނާއާ ދިމާކޮށް އަޑުގަދަކުރި އެވެ. ފުރަތަމަ އަޑު ފެތުރުނު ގޮތުގައި ހިސާންއާ "ދިމާކޮށްލި މީހުންގެ ތެރޭގައި ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ހިސާން ފަހުން ވިދާޅުވެފައިވާ ގޮތުގައި އެމީހުންގެ ތެރޭގައި އެމްޑީޕީ މެމްބަރުންނެެއް ނުހިމެނެ އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި މި ޕްރައިމަރީގައި ވެސް ދައްކަމުން އަންނަނީ ޑިމޮކްރެޓިކް ނަމޫނާއެއް ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށާއި މިހައިތަނަށް ވެސް އެކަން ކޮށްފައި އޮތީ އެގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަމޫނާ ދައްކަމުން މިގެންދަނީ. މި ޕްރައިމަރީ ވެސް ވެގެންދާނެ، ރާއްޖެއަށް ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން ބަޔަކު މަސައްކަތްކުރަނީ ވެސް އެހެންވެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށާއި އެއަށް ފަހު ރިޔާސީ އިންތިހާބު ވެސް ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
މާޅޮހަކީ އެމަނިކުފާނާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ގިނަ ރަށެއް ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓަށް (ރައީސް ނަޝީދަށް) ދޭންވާ ގަދަރާއި އިހުތިރާމާ ލޯބި އެރަށުން ދޭންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިދިކޮޅުގެ އެ ހަރަކާތްތަކަށް، މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ހިތްވަރު ދޭ ކަމަށް، ރައީސް ސޯލިހުގެ ފަޅިން ތުހުމަތު ކުރެ އެވެ.