"ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލުގައި އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ގާނޫނީ ޝަޚްޞެއް އުފައްދުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން، އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، އެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެ ނޫން ވެސް ކަންކަމާއި ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އުފައްދާ އިދާރާއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަޚްސެއްކަން ބަޔާންކޮށްފައިވެ އެވެ. އެ އިދާރާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް މި ބިލުގެ ދަށުން ފަހިކޮށްދީފައިވެ އެވެ. އަދި، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުސަތު ވެސް މި ބިލުން ފަހިކޮށްދީފައިވެ އެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާގޮތަށް ބިލުގައި ކަނޑައަޅާފައިވެ އެވެ. އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެ އެވެ.

"ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފަ އެވެ.