އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުން ފެށިގެން ހަފްތާއެއްހާ ދުވަހަށް މެދުކަނޑާލައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލައިސަންސް ދޫކުރުން މަޑުޖައްސާލީ ސޮފްޓްވެއާ އަޕްގްރޭޑަކާ އެކު ކުރަން ޖެހޭ މައުލޫމާތު މައިގްރޭޝަންގެ މަސައްކަތެއް ނިންމުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތްކުރުމަށް ޑޭޓާ މަައިގްރޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސް ދޫކުރުމުގެ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުންކޮށްގެން އަންނަ މަހުގެ 14ގެ ނިޔަލަށް އުޅަނދު ދުއްވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.