ޕެރިސް (02 ފެބްރުއަރީ) ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ޖަމާއަތަށް އީރާނުން ފޮނުވި ހަތިޔާރުގެ ޝިޕްމަންޓެއް ފްރާންސް އަސްކަރިއްޔާގެ ސްޕެޝަލް ފޯސްއިން ހިފަހައްޓައިފި އެވެ.

މި އޮޕަރޭޝަނާ ގުޅުންހުރި ފަރާތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ ޖެނުއަރީ މަހު 15 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ޔަމަނުގެ އައްސޭރިފަށުން 3000 އަށްވުރެ ގިނަ އެސޯލްޓް ރައިފަލްއާއި 20 އެންޓި ޓޭންކް މިސައިލްތަކާއެކު ބޯޓެއް ހިފަހައްޓާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ އެމެރިކާއާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި މިއާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ފްރާންސްގެ ދައުރު ފުޅާވެފައިވާ ކަމަށް ފްރާންސްގެ އިދާރާތަކުން ބުނެފައިވެ އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ހުޅަނގުގެ އެހެން ބާރުތަކުން ވެސް އަންނަނީ ގާނޫނާ ޚިލާފަށް ގައުމުތަކަށް އެތެރެ ކުރެވޭ ހަނގުރާމައިގެ ހަތިޔާރު ހިފަހައްޓަން މަސައްކަތްތަކެއް ކުރަމުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ފާއިތުވި މަދު މަސްތަކުގައި އެކަނި ވެސް ގާނޫނާ ޚިލާފަށް ގައުމުތަކަށް އެތެރެ ކުރަން އުޅުނު 5000 އަށްވުރެ ގިނަ ނުރައްކާތެރި ހަތިޔާރު ހިފަހައްޓިފައިވާ ކަމަށެވެ.

ހޫތީންނަށް ހަތިޔާރު ފޮނުވާ ކަމަށް ހުޅަނގުން އީރާނަށް ތުހުމަތު ކުރި ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތަކަށް ދެކޮޅު ހަދާފަ އެވެ. -- އަލް އަރަބިއްޔާ