އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސަވައިފި އެވެ.

އެއްގަމު ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ރާއްޖޭގައި ބޭނުންކުރަން މިފަށަނީ މުޅިން އަލަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެމިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާގެ ބައިތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި މިއާއެކު ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގޮތުގައި ބަލައިގަނެ، އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއް ނަމަ އެއީ ސައްހަ ލައިސެންސް ކަމަށް ފުލުހުން ވެސް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޑިޖިޓަލް ލައިސަންސް ތަޢާރަފުކުރުމުގެ ގޮތުން ޖެނުއަރީ 29 އިން ފެށިގެން މާދަމާގެ ނިޔަލަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލައިސަންސްގެ ހުރިހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފަ އެވެ. މިގޮތަށް ހަމަޖެއްސީ ޓްރާންސްޕޯޓުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާ ބެހޭ ޚިދުމަތް ރޯލްއަޓް ކުރުމަށާއި، ޑޭޓާ މައިގްރޭޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

"އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތަށް މިގެނެވޭ ޒަމާނީ ބަދަލާއެކު، ކިއުތަކުގައި ގިނަ ވަގުގުތަކެއް ހޭދަކޮށް، ކަރުދާސް ފޯމުތައް ފުރާ ހުށަހެޅުމުގެ ޒަމާން މާޒީވީ. ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ދެން ކުރެވިގެން ދާނީ ޑިޖިޓަލްކޮށް. އަދި، ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލް ކޮށް،" އެ މިނިސްޓްރީން ބުންޏެވެ.

މި ބަދަލާ ގުޅިގެން އެއްގަމު ލައިސަންސް ހެއްދުމަށް މިހާރު ޕްރިންޓިންއަށް ކުރާ ހޭދާ ވެސް ކުޑަކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. އަދި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހިކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.