ނިދަން ކައިރިވުމުން ސްމާޓްފޯންއާއި ޓެބްލެޓް ބޭނުންކުރާ ކުދިންނަށް އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމުގެ ފުރުސަތު ދެގުނަ އިތުރު ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މިކަމުގެ ސަބަބުން މާބޮޑަށް ފަލަވުމާއި ކެއިންބުއިމުގެ އާދަތަކަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށްވެސް އެދިރާސާގައި ބުނެފައިވެ އެވެ.

1،25،198 ކުދިންގެ ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ނިންމާފައިވަނީ ނިދުމުގެ ކޮލިޓީ ދަށްވުމާއި ދުވާލު ނިދި އައުމުގައި ސްމާޓްފޯނާއި ޓެބްލެޓްތައް ރޭގަނޑު ބޭނުންކުރުން ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމަށެވެ.

"ނިންޏަކީ އާންމުކޮށް އޭގެ މުހިންމުކަން ކުޑަކުރެވިފައިވާ އެހެންނަމަވެސް ކުޑަކުދިންގެ ހެދިބޮޑުވުމަށް ވަރަށް މުހިންމު ކަމެއް. އާދަވެގެން ހަމަ ނިދި ނުލިބޭނަމަ ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވޭ"، ދިރާސާގެ އޮފިޝަހަކު ވިދާޅުވިއެވެ.

މިހާރުގެ ހިސަބުތަކުން ދައްކާ ގޮތުގައި 72 އިންސައްތަ ކުޑަކުދިންނާއި 89 އިންސައްތަ ފުރާވަރުގެ ކުދިން ނިދާ މާހައުލުގައި މަދުވެގެން އެއް ޑިވައިސް އޮވެއެވެ. އަދި އެ ޑިވައިސްތަކަކީ ގިނައިން ނިދާ ގަޑީގައި ބޭނުންކުރާ އެއްޗެހިއެވެ.

ނިދާ ގަޑި ލަސްކޮށް އަދި އެގަޑިއަށް ހުރަސް އަޅައި އަދި ސިކުނޑި އެލާޓްކުރުމަކީ އެޑިވައިސްތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކެވެ.

ކުޑައިރު ނިދުމުގައި އުނދަގޫތައް ދިމާވުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަގުނަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ.

އެހެން ކަމުން ވަގުތު އޮއްވާ މިފަދަ އާދަތަކުން ދަރިން ދުރު ކުރުވަން ޖެހެ އެވެ.