އަންކާރާ (08 ފެބްރުއަރީ) ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކެއްގެ ދަށުވި މީހަކު 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފި އެވެ.

ސީރިއާގެ ސިވިލް ޑިފެންސްއިން އާއްމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުގައި ފަސް ބުރީގެ އިމާރާތެއްގެ ދަށުވެފައިވާ ޒުވާނާ ސަލާމަތް ކުރިއިރު ފެންނަ ފެނުމަށް ބޭރު ފުށުގެ ކުދި އަނިޔާތައް ފިޔަވައި އެހެން އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސީރިއާގެ އިދްލިބްގައި ހިނގި މި ހާދިސާއާއެކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އިތުރު މީހުން ދިރިތިއްބާ ފެނުމުގެ އުއްމީދު ވަނީ އާވެފަ އެވެ.

މީގެ އިތުރުން ވެސް ސީރިއާގެ އަލެއްޕޯއިން ވެސް ވަނީ މިފަދަ ކަމެއް ރިޕޯޓު ކުރެވިފަ އެވެ. އަލެއްޕޯގެ އައްސޭރި ފަށުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ކުޑަ ފިރިހެން ކުއްޖަކު ވެސް ވަނީ ދިރިހުއްޓާ ސަލާމަތް ކުރެވިފަ އެވެ.

ހަމައެއާއެކު ތުރުކީގެ އަވަށަކުން މާބަނޑު އަންހެނަކު ވަނީ އިމާރާތެއްގެ ދަށުގައި އޮވެ ވިހާފަ އެވެ. އެ އަންހެން މީހާ މަރުވި އިރު ކުޑަ ކުއްޖާ ސަލާމަތްކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10،000 އާ ގާތްކޮށްފައިވާއިރު މި އަދަދު އިތުރުވާނެ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ