އިންސާނެއްގެ ފުރާނަ ގެންދަވާނެ ވަގުތެއް މޮޅަށް ދެނެވޮޑިގެންވާނީ ކުޅަދުންވަންތަ މާތް ރަސްކަލާނގެ އެވެ. އެހެން ނަމަވެސް ސައިންސްގެ އަލީގައި ކަމުގެ މާހިރުން އަންނަނީ އެކަމާ ގުޅިގެން އެކި ރައުޔުތައް ނެރެމުންނެވެ.
މިދިޔަ ހޯމަ ދުވަހު ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު ވަނީ ވެެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ތާށިވެފަ އެވެ. ރެސްކިއު ޓީމުތަކުން އަންނަަނީ މީގެ ތެރެއިން ބައެއް މީހުން ދިރިހުއްޓާ ސަލާމަތް ކުރަމުންނެވެ.
ތާށިވެފައި ތިބި މީހުން ރެސްކިއު ޓީމުތަކަށް ފެނުނު ނަަމަވެސް ސުންނާފަތި ވެފައިވާ އިމާރާތްތައް ސާފުކުރަން ވެސް ގިނަ ވަގުތުތަކެއް ހޭދަވެ އެވެ.
އެހެން ނަމަވެސް އުފެދޭ ސުވާލަކީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުވެ ކެއިންބުއިމުން މަހުރޫމުވެ އިންސާނަކަށް ކިހާ ދުވަހަކު ކެތް ކުރެވޭނެތޯ އެވެ. އެ ސުވާލަށް ސައިންސްވެރިން މިވަނީ ޖަވާބު ދީފަ އެވެ.
އެގޮތުން އެފަދަ ގޮތަކަށް ތާށިވެގެން ވެސް އިންސާނަކަށް ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިރިހުރެވޭނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމުގައި ގިނަ ކަންތައްތަކެއްގެ އަސަރު އެކުލެވޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ ތެރޭގައި އިމާރާތުގެ ދަށުވެ ލިބުނު އަނިޔާތަކާއި ތާށިވެފައި އޮތް ގޮތުގެ އިތުރުން އެމީހެއްގެ އުމުރާއި މޫސުން ވެސް ބޮޑު ދައުރެއް ކުޅޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ތާށިވެފައި އޮންނައިރު ރަނގަޅަށް ނޭވާލުމުގެ ފުރުސަތާއި ފެން ލިބެން ހުރުމަކީ ދިރިހުރުމަށް ލިބޭ ބޮޑު އެހީއެއް ކަމަށް މާހިރުން ބުނެ އެވެ.
ހަމައެއާއެކު ދާއިމީ ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުން އެމީހުން ގަވާއިދުން ކާންޖެހޭ ބޭސް ކެއުމުން ދުރުވުމަކީ ވެސް ފުރާނަ ގެއްލެން މެދުވެރިވާ ކަމެކެވެ.
މީގެ އިތުރުން ވެސް އެ މީހެއްގެ ނަފްސާނީ ހާލަތަކީ ވެސް ސަލާމަތް ވުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އެގޮތުން ދިރިހުންނަށް ބޭނުންވުމާއި ކައިރީގައި ފުރާނަނެތް މީހުން ފެނުމުން ކުރާ އަސަރުން ވެސް އެ މީހަކު ދިރިހުރުމަށް އަސަރު ކުރާ ކަމަށް ބުނެ އެވެ.
އާއްމު ގޮތެއްގައި ބިންހެލުމަކަށްފަހު އެންމެ ގިނަ މީހުން ސަލާމަތް ކުރެވެނީ ފުރަތަމަ 24 ގަޑިއިރު ތެރޭގަ އެވެ. އެއަށްފަހު މީހުން ދިރިހުއްޓާ ސަލާމަތް ކުރެވުމުގެ ފުރުސަތު ދުވަހަކަށްވުރެ ދުވަހެއް ކުޑަވެ އެވެ. އެހެން ނަމަވެސް މަދު ޕަސެންޓެއްގެ މީހުން ހަފްތާއަކާ ހަމައަށް ވެސް ދިރިހުންނަކަން މީގެ ކުރީގެ ތަޖުރިބާތަކުން އެނގިފައިވެ އެވެ.
ކަން މިހެން އޮތް ނަމަވެސް ކުރިން ބުނެވުނު ފަދައިން އިންސާނެއްގެ ސީދާ އުމުރު އިންސާނުންނަކަށް ބުނެދޭކަށް ނޭނގޭނެ އެވެ. ކުޅަދުންވަންތަ ކަަމަކީ އެކަމަށް ނިމުމެއްނުވާ ކަމެކެވެ.