އަންކާރާ (10 ފެބްރުއަރީ) - މިދިޔަ ހޯމަ ދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތައް ސެޓެލައިޓް ފޮޓޯތަކުން ދައްކާލައިފި އެވެ.
ބުދަ ދުވަހު އާއްމުކުރި އެ ފޮޓޯތަކުގައި ބިންހެލުމުގެ ކުރިއާއި ފަހުގެ ހާލަތު ވަރަށް ސާފުކޮށް ފެނެ އެވެ. އެ ފޮޓޯތަކުން އެކަނި ވެސް ބިންހެލުމުގެ ބާރުގަދަކަން ތަސައްވަރު ކުރެވެ އެވެ.
ރެކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި އެ ބިންހެލުން އައީ ތުރުކީއަށް ނަމަވެސް ބިންހެލުމުގެ އަސަރު އަވަށްޓެރި ސީރިއާގެ ބޮޑު ސަރަހައްދަކަށް ވެސް ކޮށްފައިވެ އެވެ.
ބިންހެލުމުގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ތުރުކީ 15،000 މީހުންނާއި ސީރިއާގެ 5،000 މީހުން ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ބިންހެލުމުގެ ބާރުމިން މީހުން މަރުވަމުން އަންނަ އަދަދަށް ބަލާލުމުން އެނގޭ ކަމަށާއި މަރުވި މީހުންގެ ތެރޭގައި އެތައް ހާސް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އދގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ހޯމަ ދުވަހު ހެނދުނު ކުރިމަތިވި އެ ބިންހެލުމަށްފަހު އޭގެ ގަޑިއިރެއްހާއިރު ފަހުން 7.5 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް ވެސް އެސަރަހައްދަށް އައިސްފައިވެ އެވެ.
މި ހާދިސާތަކުގައި އެތައް މިލިއަން ޑޮލަރެއްގެ އުމްރާނީ ގެއްލުން ވެފައިވާއިރު އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބުނުކަން ވެސް ވަނީ ރިޕޯޓު ކުރެވިފަ އެވެ.
އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރެސްކިއު ޓީމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ.
ބިންހެލުމަށް ހަތަރު ދުވަސް ވެފައިވާއިރު ދިރިހުއްޓާ މީހުން ސަލާމަތް ކުރެވުމުގެ އުއްމީދު މިހާރު ފަނޑުވަމުން އަންނަ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.
ރެސްކިއު އޮޕަރޭޝަންތަކުގައި 12000 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރި ވަމުން އަންނައިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ހާލުގައި ޖެހިފައިވާ ދެގައުމަށް އެހީ ހުށައަޅާފަ އެވެ.
ހޯމަ ދުވަހުގެ އެ ބިންހެލުމަކީ ފާއިތުވި ގަރުނުގެ ތެރޭގައި ވެސް ތުރުކީއަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. -- އަލް އަރަބިއްޔާ