ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރުކަމުންނާއި މެންބަރުކަމުން އިސްތިއުފާދެއްވައިފި އެވެ.

ޖާބިރު ޑީއާރުޕީއިން ވަކިވެފައިމިވަނީ އެޕާޓީ އުވާލަން އިލެކްޥަން ކޮމިޝަނުން ނިންމާފައިވަނިކޮށެވެ. އިލެކްޝަން ކޮމިޝަނުން ޑީއާރުޕީ އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދަށް އެޕާޓީގައި މެންބަރު ހަމަނުވާތީ އެވެ. އަދި އެދަދަށް މެންބަރުން ހަމަކުރުމަށް ދިން ފުރުސަތުގައިވެސް ޑީއާރުޕީއަށް މެންބަރުން ހަމަކޮށްފައިނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ ޖާބިރު ޑީ.އާރު.ޕީގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. މިއާއެކު ޑީއާރުޕީގެ ދަރަންޏަށް ޒިންމާވާނެ ފަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހަބީބު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރަކު އެބައެއް ނެތެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން ނިންމި މައްސަލަ ދެފަހަރެއްގެ މަތިން އެޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅަން ނިންމި އެވެ. ފުރަތަމަ ފަހަރު ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލުމުން ދެވަނަފަހަރަށް މައްސަލަ ހުށަހަޅަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައިކަމަށް ޑީއާރުޕީން ބުނެފައިވެ އެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި މަލްޓި ޕާޓީ ނިޒާމް ތައާރަފުވެ ދެވަނައަށް ރަޖިސްޓްރީ ކުރި ސީޔާސީ ޕާޓީ އެވެ. 21 ޖުލައި 2005 ރަޖިސްޓްރީކުރި ޑީއާރުޕީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޑީއާރުޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވި އެވެ. އަދި ޕީޕީއެމް އުފެދިގެން ދިޔައީ ޑީއާރުޕީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ހިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ.

އެއަށްފަހު ޑީއާރުޕީގެ ލީޑާރަޝިޕާއި ހަވާލުވެވަޑައިގަތީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދެވެ. އެއިރު ޑީއާރުޕީގެ ދަރަނި 10 މިލިއަނުގައި އޮތްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އޭގެފަހުން ދަރަނީގެ ބައެއް ޚަލާސްކޮށް، 6 މިލިއަނަށް ކުޑަކުރިކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޑީއާރުޕީގައި އޭރު އިސްކޮށް އުޅުއްވި ފަރާތްތައް އެޕާޓީ ދޫކުރައްވާ ވަޑައިގަތް އިރު އެޕާޓިގެ ދަރަނީގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޑީއާރުޕީގެ ދަރަންޏަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒަޢީމްކަމުގައި، 2008 އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮށްފައިވާ ޚަރަދުތަކުގެ ދަރަނިކަމަށް ޑީއާރުޕީން ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި އެންމެ ފަހުން ތިބީ 2،483 މެމްބަރުންނެވެ.