އަންކާރާ (14 ފެބްރުއަރީ) މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުރުކީ ވިލާތަށާއި ސޫރިޔާގެ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރުކުރި މީހުންގެ އަދަދު 26 މިލިއަނަށް އަރާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އެ ބިންހެލުމުގައި 26 މިލިއަން މީހުންނަށް އަސަރު ކޮށްފައިވާއިރު އޭގެ ތެރެއިން 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށެވެ.

ބިންހެލުމުގެ އަސަރު ކޮށްފައިވާ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 42.8 މިލިއަން ޑޮލަރުގެ ކެމްޕެއިނެއް އެ ޖަމިއްޔާއިން ފަށާފައިވާއިރު އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ވެސް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

މިހާތަނަށް ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 35000 އިން މަތީގައި ރެކޯޑް ކުރެވިފައވާއިރު އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަމުން ދިޔަ ވަރަކަށް އެ އަދަދު ދަނީ އިތުރުވަމުންނެވެ.

މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީ އެކި ގައުމުތަކުން ފޯރުކޮށްދެމުން ދާއިރު އެކަމުގައި ރެޑް ކްރޮސް އާއި ރެޑް ކްރެސެންޓް ފަދަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރެކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ތުރުކީއަށާއި ސީރިއާ އަށް ވެސް އުމްރާނީ ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު އެ ގެއްލުންތަކުގެ އަގު ލަފާކުރަން އަދި ނޭނގޭ ކަަމަށް ހަބަރުތައް ބުނެ އެވެ.

ބިންހެލުމަށް ހަފްތާއެއްވެފައިވާ އިރު މީހުން ސަލާމަތް ކުރަން ރެސްކިއު ޓީމުތަކުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދިރިތިއްބާ ވެސް ސަލާމަތް ކޮށްފަ އެވެ. -- އަލް އަރަބިއްޔާ