ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން ދިވެހި ވިޔަފާރިވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ރައީސް ސޯލިހާ ބައްދަލުކުރެއްވި ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރުމެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެގޮތަށް ބިން ދޫކުރާނަމަ ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ބޮޑެތި މަޝްހޫރު ވިޔަފާރިވެރިން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރައީސް އޮފީހުން މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ވިޔަފާރިވެރިންތަކެއް ރައީސް ސޯލިހާ ބައްދަލުކޮށްފައިވާއިރު ދާދި ފަހުން ތިލަފުށިން ބިދޭސީންނަށް 99 އަހަރަށް ބިންވިއްކަން ހުޅުވާލުމާގުޅިގެން އެކަމުގައި ގިނަ ފަރާތްތަކުންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ދިވެހިންނާއި ބިދޭސީންނަށްވެސް ބިން ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާއިރު ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ލިބެ އެވެ.