ވޮޝިންޓަން (19 ފެބްރުއަރީ) - އެމެރިކާގެ ހަގީގީ މަގްސަދަކީ އިންސާނީ ހައްގުތަކުގެ ނަމުގައި ރަޝިއާ ބަދުނާމުކުރުން ކަމަށް އެގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް ވިދާޅުވެއްޖެ އެވެ.

އެންޓޮނޮވް ވިދާޅުވީ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައިގެން ދުނިޔޭގެ ނަޒަރުގައި ރަޝިއާގެ އަގު ވައްޓާލަން އެމެރިކާއިން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރަޝިއާއިން ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި އިންސާނީ ޖަރީމާތަކެއް ހިންގާފައިވާކަން އެނގެން އެބަހުރި ކަމަށް އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެފައި ވަނިކޮށެވެ.

"ރަޝިއާ ބަދުނާމުކޮށް ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަން އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރަން،" އެމެރިކާގައި ހުންނަ ރަޝިއާގެ އެމްބަސީއިން ނެރުނު ބަޔާނެއްގައި އެންޓޮނޮވް ވިދާޅުވެފައިވެ އެވެ.

ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރުވާން ގާތްވެފައިވާއިރު މިހާތަނަށް 30،000 އަށްވުރެ ގިނަ ހަނގުރާމައިގެ ޖަރީމާ ރެކޯޑް ކުރެވިފައިވާ ކަމަށް ހާލަތު މޮނީޓާކުރާ މިނިވަން ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

އެމެރިކާއާއި ހުޅަނގުން ޔޫކްރެއިންއަށް ހަތިޔާރުގެ އެހީގެ އިތުރުން އިންސާނީ އެހީ ދެމުން ގެންދާއިރު ރަޝިއާ ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ. -- އަލް އަރަބިއްޔާ