ޑާކްރެއިން އެންޓަޓެއިންމަންޓުގެ މިއަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ހިނދުކޮޅެއް" އަންނަ މަހުގެ ހަ ވަނަ ދުވަހު މީޑިއާނެޓްގެ ވީޑިއޯ ކްލަބްގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ގެނެސްދޭ "ހިނދުކޮޅެއް" މީޑިއާނެޓްގެ ވީޑިއޯ ކްލަބުގައި ޕްރިމިއާ ކުރާއިރު މިފިލްމުގެ ޓްރެއިލާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ލީޑް ތަރިންގޮތުގައި ފެނިގެންދާނީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އެވެ. މިދެ ތަރިންގެ އިތުރުން މަޝްހޫރު ތަރިން ކަމަށްވާ ރަވީ ފާރޫގާއި މަރިޔަމް މަޖުދާ ވެސް ހިމެނެ އެވެ.

https://fb.watch/iO619M2RY_/

ޗިއްޕެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019 ގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.

"ހިނދުކޮޅެއް" އަންނަ މަހު 6 ގައި ބެލުންތެރިންނަށް ދޫކޮށްލާއިރު މިދިޔަ މަހު ވަނީ މި ފިލްމުގެ ލަވަތަކުގެ ތެރެއިން "މި ހިތުގެ ރާނީ" ވެސް ވަނީ ދައްކާލާފައިވެ އެވެ.

ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކީ މިމަހު 6 ގައި ރިލީޒްކުރި "ބީވީމާ" އެވެ. އޭގެ ކާސްޓުންނަކީ މަރިޔަމް އަޝްފާ، އާޝާ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އާދަމް ޒިދާނެވެ. އޮލިމްޕަހުގައި މިފިލްމު ރިލީޒްކޮށްފައިވާއިރު މިފިލްމުގެ 12 ޝޯއެއް ވަނީ ހައުސްފުލްކޮށް ދައްކާފަ އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އިތުރު ދެ ފިލްމެއް އޮލިމްޕަހުގެ ސްކްރީނަށް އަންނަން ވަނީ ތައްޔާރުވެފަ އެވެ. އެއީ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމް "ބަޅިނދު" އަދި އައިޝަތު ފުވާދު ޑައިރެކްޓްކޮށްފައިވާ "ނޮވެމްބަރު" އެވެ.