ވަރްސާ (23 ފެބްރުއަރީ) - އެމެރިކާއާއެކު ރަޝިއާއިން ވެފައިވާ ނިއުކްލިއާ ހަތިޔާރުގެ އެއްބަސްވުން އުވާލުމަކީ އެގައުމުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހެން ވިދާޅުވީ ޕޮލެންޑަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ނޭޓޯގެ ބައެއް އިސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ބައިޑަން މި ބީދައިން ވާހަކަ ދައްކަވާފައި މިވަނީ 2010 ވަނަ އަހަރު ރަޝިއާއާއި އެމެރިކާއާ ދެމެދު ވެފައިވާ އެ އެއްބަސްވުން އުވާލަން ރަޝިއާއިން ނިންމާފައި ވަނިކޮށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ރަޝިއާއިން ވެސް އެއްގައުމު އަނެއް ގައުމުގެ ނިއުކްލިއާ ހަތިޔާރުތައް ބަލައި ނިއުކްލިއާ ހަރަކާތްތައް މޮނީޓާ ކުރާނެ އެވެ.

އެހެން ނަމަވެސް އެއްބަސްވުން އުވާލުމާއެކު ރަޝިއާގެ ނިއުކްލިއާ ހަރަކާތްތައް ބެލޭނެ އެއްވެސް ގޮތެއް އެމެރިކާއާއި ހުޅަނގަކަށް ނޯންނާނެ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން އުޅޭ ކަމަށް އަޑު އަރާފައިވާ މި ދަނޑިވަޅުގައި މި ނިންމުމަކީ އެމެރިކާއާއި ހުޅަނގުގެ ކަންބޮޑުވުން އިތުރުވާނެ ނިންމުމެކެވެ.

ބައިޑަންގެ ދަތުރުފުޅުގައި ނޭޓޯގެ މެމްބަރު ގައުމުތަކުގެ ގުޅުންތައް ބަދަހިކޮށް ރަޝިއާއާ ދެކޮޅަށް އެކަތިގަނޑެއްގެ ގޮތުގައި ނުކުތުމުގެ މުހިއްމުކަން މަޝްވަރާ ކުރައްވާފައިވެ އެވެ. -- އަލް އަރަބިއްޔާ