ދަރިން ތަރުބިއްޔަތުކުރުމުގައި އެ ދަރިންތަކެއް ހެދިބޮޑުވަމުން އަންނަ މާހައުލަކީ މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. ދަރިން ބޮޑުވާ މާހައުލު އަސަރު އެ ދަރިންގެ އަހުލާގާއި ޝަހްސިއްޔަތަށް ކުރާއިރު އެއީ ބެލެނިވެރިން ވިސްނަން ޖެހޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ދުނިޔޭގައި ދަރިން ބޮޑުކުރަން އެންމެ ރަނގަޅު ގައުމުތަކަށެވެ.
ޖަޕާން
ޔުނިސެފްގެ ދިރާސާތައް ދައްކާ ގޮތުން ނަމަ ޖަޕާނުގައި ބޮޑުވާ ކުދިންނަކީ ޖިސްމާނީ ގޮތުން އެންމެ ސިއްހަތު ރަނގަޅު ކުދިންނެވެ. އެގޮތުން އެކުދިން ދިރިހުންނަ އެވްރެޖް އުމުރާއި ބަރުދަން ފަދަ ކަންކަން ވެސް އެހެން ގައުމުތަކަށްވުރެ ރަނގަޅެވެ. މީގެ އިތުރުން ވެސް ޖަޕާނަކީ އާއިލާތަކަށް އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ.
އެސްޓޯނިއާ
އެސްޓޯނިއާއަކީ މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަށްވުރެ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް މި ގައުމުގައި ވެސް ކުޑަކުދިންނަށް ރައްކާތެރި އެތައް ކަމެއްވެ އެވެ. އެގޮތުން ބަލާއިރު އެސްޓޯނިއާގެ ވައި ސާފުވުމާއި އެގައުމުގެ މަގުތަކުގައި ކާރޫބާރުކަން ކުޑަވުމަކީ ކުޑަކުދިންނަށް ރައްކާތެރިކަން ދޭ ކަންކަމެވެ.
ސްޕެއިން
ސްޕެއިންއަކީ ޔުނިސެފްގެ މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ ގައުމެވެ. އެގައުމުގައި ކުޑަކުދިންނަށް ގިނަ ހިދުމަތްތަކެއް ލިބެން ހުންނައިރު ތައުލީމާއި ކުޅިވަރުގެ ރޮނގުން ވެސް ކުޑަކުދިންނަށް އެކި ކަހަލަ ފުރުސަތުތައް އެގައުމުގައި ލިބެން ހުރުމަކީ ގިނަ ބެލެނިވެރިން ދަރިން ބޮޑުކުރަން ސްޕެއިން ޚިޔާރުކުރާ އެއް ސަބަބެވެ.
ފިންލެންޑް
ލިސްޓުގެ ފަސްވަނައިގައި ވާ ފިންލެންޑަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ލިޔަންކިޔަން ދަންނަ އެންމެ ގިނަ ކުޑަކުދިން ދިރިއުޅޭ ގައުމެވެ. މީގެ އިތުރުން ދަރިން ބަލަހައްޓާ މައިންބަފައިންނަށް އެގައުމުގެ ގާނޫނުތަކުން ދީފައިވާ ހައްގުތަކަކީ ވެސް ފާހަގަ ކޮށްލެވޭ ކަންކަމެވެ. އޭގެ ތެރޭގައި އެއް އަހަރު ދުވަހުގެ ޕޭރަންޓަލް ޕެއިޑް ލީވް ހިމެނެ އެވެ.
ނެދަލެންޑްސް
ނެދަލެންޑްސްއަކީ ވެސް ޔުނިސެފްއިން ތައްޔާރުކޮށްފައިވާ ދަރިން ބަލަން އެންމެ ރައްކާތެރި މާހައުލުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ގައުމެވެ. އެގޮތުން ނެދަލެންޑްސްގައި ބޮޑުވާ ކުދިންގެ ނަފްސާނީ ސިއްހަތު އެނޫން ކުދިންނަށްވުރެ ރަނގަޅު ކަމަށް ޔުނިސެފްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.