މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވެ، އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ 386 އަށް އަރައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ އެ މިނިސްޓްރީގެ މުވައްޒަފުންގެ ލިސްޓުން އެނގޭ ގޮތުގައި، މިނިސްޓްރީގައި މަސައްކަތްކުރާ ޖުމްލަ 718 މުވައްޒަފުންގެ ތެރެއިން 332 އަކީ ސިވިލް މުވައްޒަފުންނެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭއިރު، ބާކީ 386 މުވައްޒަފުންނަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ސިޔާސީ މަގާމުތަކުގެ ތަފްސީލަށް ބަލާއިރު:

  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 136 ބޭފުޅުން
  • ޔޫތު އެސޯސިއޭޓުންގެ ގޮތުގައި 99 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 86 ބޭފުޅުން
  • ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 38 ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ 17 މަގާމު
  • 4 ސްޓޭޓް މިނިސްޓަރުން
  • ވަޒީރުންގެ ފެންވަރުގެ 3 މަގާމު
  • ހާއްސަ އެހެނިހެން 3 ސިޔާސީ މަގާމު

ކުރިން ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގަމުންދިޔަ ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލީ އޭޕްރީލް މަހު އޭރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ހިމެނޭހެން ކެބިނެޓުގެ ބައެއް ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ދެ މިނިސްޓްރީ އެއްކޮށްލުމުގެ ކުރިން، އޭޕްރީލް މަހުގެ ތެރޭގައި އެކަނިވެސް ސްޕޯޓްސް މިނިސްޓްރީގައި 290 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެކި ފަރާތްތަކުން އެދެމުންދިޔަ ނަމަވެސް، ރައީސް އޮފީހުންނާއި މިނިސްޓްރީތަކުން އެ މައުލޫމާތު އާންމެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގައި ޖުމްލަ 922 ސިޔާސީ މުވައްޒަފުން ތިއްބެވި އެވެ. މިއީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދަށްވުރެ 222 މުވައްޒަފުން އިތުރު އަދަދެކެވެ.

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރާއި ކުންފުނިތަކުގެ މަގާމުތައް ހިމަނައިގެން މުޅި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 2,000 އަށްވުރެ މައްޗަށް އަރާނެ އެވެ.