ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައިވާ ފައިސާ މީހުންނަށް ނޭނގި ގެއްލޭކަމަށް ގިނަ ބަޔަކު ތުހުމަތު ކުރުމާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މިކަމާ ގުޅިގެން އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ.

އެ މައްސަލައިގައި ބައެއް އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާއަށް ވާނުވާއެއް ނޭނގި ގެއްލެމުންދާ ކަމަށް ބުނެފައިވެ އެވެ. މިފަދަ މައްސަލަތައް ދިމާވަނީ ޕާސަނަލް މައުލޫމާތު ނުވަތަ ފޯނުންނާއި އިންޓަނެޓް މެދުވެރިކޮށްގެން ކަމަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވެ.

ބީއެމްއެލް އެކައުންޓުތަކުން ވާނުވާ ނޭނގި ފައިސާ މަދުވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި ހަޅުތާލުކުރަމުންނެވެ. އެގޮތުން "ބީއެމްއެލް ވިކްޓިމްސް" ގެ ނަމުގައި ދިވެހިން ދަނީ ވައިބާ ގްރޫޕްތަކުގައި، އެކައުންޓްތަކުން މަދުވާ ފައިސާގެ އަދަދު ހިސާބުުރަމުންނެވެ. އެ ގްރޫޕުގައި 6،000 އަށްވުރެ ގިނަ މީހުން ތިބެ އެވެ.