ޓެކްނޮލޮޖީއަކީ ދުވަހަކަށްވުރެ ދުވަހެއް ތަރައްގީ ވަމުން އަންނަ އެއްޗަކަށްވާއިރު ޓެކްނޮލޮޖީގެ އުފެއްދުންތަކަކީ އަހަރުމެންގެ ވިސްނުމަށް ގެންނަން ވެސް އުނދަގޫ ގޮތަކަށް އުފައްދާ އުފެއްދުންތަކެކެވެ. އެގޮތުން މިފަހަރު ވެސް މިއޮތީ އެފަަދަ އުފެއްދުމެއްގެ ވާހަކަ އެވެ.

އިންސާނުންގެ ސިކުނޑީގެ ސެލްތައް ބޭނުންކޮށްގެން އުފައްދާ "ބައިކޮމްޕިއުޓާ"އެއް އަވަސް މުސްތަގުބަލެއްގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ދިރާސާވެރިން ބުނިގޮތުގައި މިފަދަ ކޮމްޕިއުޓަރަކީ މިއަދުގެ ޓެކްނޮލޮޖީ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ އީޖާދެކެވެ.

ޕްރޮފަސަރު ތޯމަސް ހެޓްރަންގް އިސްކޮށް ހުންނަވައި އެ ޔުނިވާސިޓީގެ ދިރާސާވެރިން ކުރި ދިރާސާއިން އެނގުނު ގޮތުގައި މިއަދު މި ފެންނަ އާޓިފިޝަލް އިންޓަލިޖެންސް އެއަށްވުރެ ވެސް ތަރައްގީ ކުރެވިދާނެ އެވެ.

ޕްރޮފެސަރު ތޯމަސް ވިދާޅުވީ ފާއިތުވި 20 އަހަރު ސައިންސްވެރިން ވަނީ ލެބޯޓަރީތަކުގައި ޓިޝޫ އުފައްދައިގެން އާޓިފިޝަން އިންޓަލިޖަންސް ތަގައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މިހާރު އެއަށްވުރެ ކުރިއަރަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

އެގޮތުން އިންސާނުންގެ ސިކުނޑީގެ ސެލް ބޭނުންކޮށްގެން އުފައްދާ ކޮމްޕިއުޓަރު ކުރިއަތް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނެވޭނެ ކަމަށް އޭނާ ލަފާ ކުރެއްވި އެވެ.

މި ކޮމްޕިއުޓަރަކީ އިންސާނުންގެ ސިކުނޑީ މަސައްކަތް ކުރާ ގޮތާ ވަރަށް ގާތަށް މަސައްކަތް ކުރާނެ ކޮމްޕިއުޓަރެއް ކަމަށާއި ބައެއް ގޮތްގޮތުން އިންސާނުންނަށް ނުކުރެވޭ ފަދަ ކަންކަން ވެސް އެ ކޮމްޕިއުޓަރަށް ކުރެވޭނެ ކަމަށް ތޯމަސް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް މި އުފެއްދުމަށް ފައިސާގެ ބޮޑު އަދަދެއް ބޭނުންވާނެ ކަމަށާއި އެއީ އެކަމަށް އޮތް ގޮންޖެހުމެއް ކަމަށް ވެސް ތޯމަސް ފާހަގަ ކުރެއްވި އެވެ.