ހުޅުމާލޭ ޖޫސްޓައިމަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ޖޫސްޓައިމަށް ގެއްލުން ދީފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖޫސް ޓައިމަށް ގެއްލުންދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގަ އެވެ.

ޖޫސްޓައިމަށް ގެއްލުންދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށްވަދެ ގެއްލުންދޭ މަންޒަރެވެ. އެ މީހުން ގެއްލުންދޭން ފެށުުމުން ބިރުން އެތަނުގައި ހުރި މީހަކު ނުކުމެގެން ދެއެވެ. އަދި އެ މީހުން ވަނީ އެތަނުގައި ހުރި ފައިސާތައް ވެސް ވަގަށް ގެންގޮސްފަ އެވެ.