މިމަހުގެ 19 ވަނަ ދުވަހު ރޯދަ އެލަވަންސް ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަމަހުގެ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ދޫކުރާނެ ކަމަށެވެ.

ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް މިނިސްޓްރީން ނެރުނު ސާކިއުލާގައިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީން ވަނީ ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް ޕޭ ލީވް (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް އަންގާފައިވެ އެވެ.

މިނިސްޓްރީން ވަނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ގެ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ޕޯސްޓުކުރުމަށާއި ދައުލަތުގެ އެކައުންޓިންގް ސޮފްޓްވެއާގެ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުންވެސް އިނާޔަތުގެ ފައިސާ މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް އިނާޔަތުގެ ފައިސާ ޕޯސްޓް ކުރުމަށް އަންގާފަ އެވެ.