90ގެ އަހަރުތަކުގައި ބޮލީވުޑް ފިލްމުތަކުން އެންމެ ނަން ހިނގި އެއް ތަރިއަކީ ރާނީ މުކަރްޖީ އެވެ. އެހާރުގެ ކާމިޔާބު ފިލްމުތަަކަކުން އޭނާ ފެނިގެން ގޮސްފައިވާއިރު ރާނީއަކީ މިހާރު ބޮލީވުޑްގެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
މިފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާނީ މިވަނީ ފިލްމީ ދާއިރާއަށް އޭނާއަށް ވަދެވުނު ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ރާނީ ބުނީ އޭނާ ފިލްމީ ދާއިރާއަށް ވަނީ އާއިލާގެ ތަނަވަސްކަން ކުޑަވެ ފައިސާއަށް ބޭނުން ޖެހުމުން ކަމަށާއި އެހެން ނަމަވެސް އޭރު އެކަން ރޭކާނުލާ ކަމަށެވެ.
ފިލްމީ ދާއިރާއަށް ވަނީ މައިންބަފައިންގެ މަޝްވަރާގެ މަތިން ކަމަށާއި އެެހެން ނަމަވެސް އެ މަޝްވަރާގެ ފަހަތުގައި އޮތް ބޭނުމަކީ ގެއަށް ފައިސާ ހޯދުންކަން އޭރު ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
1996 ވަނަ އަހަރު ނުކުތް ރާޖާކީ އާއޭގީ ބާރާތުން ފިލްމީ ދާއިރާއަށް ނުކުތް ރާނީ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދައި އެންމެ ބޮޑު އާމްދަނީ ހޯދާ ތަރިންގެ ތެރޭގައި ހިމެނިފަ އެވެ.
ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާއާ ކައިވެނި ކުރި ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބަންޓީ އެންޑް ބަބްލީ 2ން ސައިފް އަލީ ޚާންއާ އެކުގަ އެވެ.