މިއަދުގެ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދެމެހެއްޓެނިވި ހަކަތައިގެ މައްސަލަ އެވެ. ދުނިޔޭގެ އާބާދީ ބޮޑުވެ ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު ކަރަންޓު އުފެއްދުމަށްޓަކައި ޕެޓްރޯލް ނުވަތަ ޑީސަލް އެންދުމަކީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަކަށް ނުވެ އެވެ.
މި ސަބަބަށްޓަކައި ސައިންސްވެރިން އަންނަނީ ކަރަންޓު އުފެއްދޭނެ ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތްތައް ހޯދަން މަސައްކަތްތައް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން ފެނުން ކަރަންޓު އުފެއްދިދާނެ ކަން ހޯދިފައިވާއިރު އެ މަސައްކަތްތަކަށް މިހާރު މިވަނީ އިތުރު ބޮޅެއް އިތުރުވެފަ އެވެ.
އެގޮތުން ސައިންސްވެރިންގެ އެންމެ ފަހުންގެ ހޯދުންތަކުން މިވަނީ ވައިގެ ތެރޭގައި އެކުލެވޭ ގޭހަކުން ކަރަންޓު އުފައްދައިދޭކަން ހޯދިފަ އެވެ. މިއީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާ މުޅިން ބަދަލުކޮށްލާނެ ހޯދުމަކަށް ވެދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އޮސްޓްރޭލިއާގެ މޮނަކް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް ކުރި ދިރާސާއަކުން ވައިގައި އެކުލެވޭ ގޭހެއް ކަމަށްވާ ހައިޑްރޮޖަންއަކީ ކަރަންޓު އުފެއްދުމުގެ ބާރު ލިބިގެންވާ ގޭހެއް ކަމަށް ވަނީ އެނގިފަ އެވެ.
ބިމުގައި ދިރިއުޅޭ އެންޒައިމްއެއް ކަމަށްވާ "ހަކް"އިން ހައިޑްރޮޖަންގައި ހުންނަ ކަރަންޓުގެ ބާރު ބިމަށް ދަމައިގަންނައިރު އެއިން ކަރަންޓު އުފެއްދޭނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
އެހެން ކަމުން މި ބެކްޓީރިއަލް އެންޒައިމްގެ އާބާދީ އިތުރު ކުރެވިއްޖެނަމަ ދުނިޔެއަށް ބޭނުންވާ ކަރަންޓުގެ ކުޑަ މިންވަރެއް ނަމަވެސް ވައިގެ ޒަރިއްޔާއިން އުފެއްދޭނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.