ކީޓޯ ޑައިޓުތަކަކީ ބަރުދަން ލުއި ކުރަން މަސައްކަތްކުރާ މީހުންގެ މެދުގައި މިހާރު ވަރަށް އާއްމު ޑައިޓެކެވެ. މިއީ ބަރުދަން ލުއި ކުރަން އެންމެ ރަނގަޅު ޑައިޓުތަކުގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ.

އެހެން ނަމަވެސް ކާބްސް މަދުކޮށް ފެޓް ގިނައިން ހިމަނައިގެން ބައްޓަން ކުރެވިފައިވާ ކީޓޯ ޑައިޓުތަކަކީ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތި ކުރުވާ އެއްޗެއް ކަމަށް ފަހުގެ ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

ނަތީޖާއަކަށްވަނީ ޅައުމުރުގައި ހިތުގެ ބަލިތަކަށް ހުށައެޅި އެފަދަ ބަލިތަކުގައި ފުރާނަ ދިއުމުގެ ފުރުސަތު 20 ޕަސެންޓަށް އިތުރު ވުމެވެ.

ހަށިގަނޑަށް ލިބޭ ކާބްސް މަދުވެ އޭގެ ބަދަލުގައި ފެޓްސް އެތެރެވާ މިންވަރު އިތުރުވުމަކީ ނުބައި ކޮލެސްޓްރޯލް ނުވަތަ އެލްޑީއެލް އިތުރުވާ ކަމެއް ކަމަށް ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފަސަރަކު ވިދާޅުވި އެވެ.

މިނަށްވުރެ ނުބައި ކޮލެސްރޯލް އިތުރު ވުމަކީ ފަރުވާކުޑަ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ރަނގަޅު ކުރުމަށްޓަކައި ލޯ ކާބް ޑައިޓުތައް ދޫކޮށްލަން ޖެހޭ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކޮލެސްޓްރޯލް މަތިވުމުން ޖެހޭ ހިތުގެ ބަލިތަކުގެ ތެރޭގައި ހާޓްއެޓޭކާއި ހިތުގެ ނާރުތައް ފިތުން ހިމެނެ އެވެ. މިއީ އިންސާނެއްގެ ފުރާނައަށްވެސް ނުރައްކާ ކުރުވާ ބަލިތަކެވެ.

ކާބްސް މަދުކޮށް ފެޓް ގިނަކުރުމުގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދޭއިރު ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއި ކުރަން އެހީވެދެ އެވެ. އެހެން ނަމަވެސް ބަދަލުގައި ހިތުގެ ބަލިތަކަށް ހުށައަޅައިދެ އެވެ.