ފޫހިވުމުން ހެޑްސެޓް ޖަހައި ފުލް ވޮލިއުމްގައި ލަވަ ޖެހެ އެވެ. ތަނަކަށް ދާނަމަ ދަތުރު މަތީގައި ހެޑްސެޓް ބޭނުން ކުރެވެ އެވެ. ހެޑްސެޓަކީ މިހާ އާއްމު އެއްޗަކަށް ވެފައިވާއިރު އެއިން ލިބޭ ގެއްލުމާ މެދު ވިސްނާލަނީ މަދު ބަޔެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެޑްސެޓަކީ ކަންފަތުގެ އިވުމަށް ގެއްލުން ލިބި އަދި އިވުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މިހެން ދިމާވާ ސަބަބަކީ ހެޑްސެޓުން ނުވަތަ ހެޑްފޯނުން ސީދާ ކަންފަތުގެ އެތެރެއަށް އަޑު ފޮނުވާދޭތީއެވެ.

ހެޑްސެޓް ނުވަތަ ހެޑްފޯނުނ ލިބޭ އަޑު ރަނގަޅު ކުރުމަށްޓަކައި ކަންފަތުގެ އެތެރޭގެ ކެނެލްއޭ ކިޔޭ ބަޔަށް ހެޑްސެޓް ވައްދަންޖެހެ އެވެ. މިތަނުން އަޑު ކަންފަތުގެ އެތެރެއަށް ސީދާ ފޮނުވާދޭއިރު އަޑުގަދަވުމުގެ ސަބަބުން މަޑުމަޑުން ކަންފަތުގެ އިވުން ގެއްލިދެ އެވެ.

މީގެ އިތުރުން ކަންފަތުގެ އިންފެކްޝަން ހެދުމަކީވެސް ހެޑްސެޓް އަދި ހެޑްފޯނުން ވަރަށް ގިނައިން ދިމާވާކަމެކެވެ. ހެޑްސެޓް އަދި ހެޑްފޯނަކީ އެކަކަށް ވުރެން ގިނަ މީހުން ބޭނުންކުރުން އެދެވިގެންވާ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންނަށް ނޭނގުނުނަމަވެސް ކަންފަތުގައި އެތައް ހާސް ޖަރާސީމެއް ހުރެ އެވެ. އެކަކު ބޭނުންކޮށްފައިވާ ހެޑްސެޓް އަނެކަކު ބޭނުންކުރުމުން މި ޖަރާސީމުތައް ފެތުރި ކަންފަތުގެ ބަލި ނުވަތަ އިއާ އިންފެކްޝަންއެއް ޖެހުމަކީ ގާތް ކަމެކެވެ.

މިފަދަ ކަންކަން ދިމާވުން ހުއްޓުވުމަށްޓަކައި ހެޑްސެޓް އެކަކަށް ވުރެ ގިނަ މީހުން ބޭނުންނުކުރުމަށް ޑޮކްޓަރުން ބުނާއިރު ކަންފަތަށް ރެސްޓުގެ ގޮތުގައި 15 ވަރަކަށް މިނެޓު އަބަދުވެސް ދިނުމަށް ޑޮކްޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުންވެސް ހެޑްސެޓް ސާފުކޮށް ބަދަލުކުރަންޖެހޭ ބައިތައް ބަދަލުކުރުމަކީވެސް މިފަދަ ކަންކަމާއި ދުރުވެވޭނެ ގޮތެކެވެ.

އަޅުގަނޑުމެންނަށް ވިސްނައިނުލެވުނު ނަމަވެސް ކަންފަތަކީ ވަރަށް ނާޒުކު އަދި ބަލައިގެން ގެންގުޅެން ޖެހޭ ގުނަވަނެކެވެ. ނޫންނަމަ އެންމެ މުހިއްމު އެއް ހިއްސު ގެއްލި ހިނގައިދާނެ އެވެ.