ބައެއް އަންހެނުން ވިހައިގެން އަހަރު ދެ އަހަރު ވާއިރުވެސް ވިހެއުމުން ލީ ބަނޑު އިނދެ އެވެ. އެއީ ވަރަށް ލަދުވެތި އަދި އެހާމެ އުނދަގޫވާ ކަމެއްވެސްމެ އެވެ.

އެ ބަނޑު ހިންދާލަން ކުރެވިދާނެ ގިނަ ކަންތައްތަކެއް ތަފާތު ސިއްހީ ތަޖުރިބާކާރުން ކިޔައިދެ އެވެ. އޭގެ ތެރެއިން މިއީވެސް ވިހެއުމާއި ގުޅިގެން ނިކުންނަ ބަނޑު ހިންދާލުމަށް ކެއުމުގައި ހިމެނިދާނެ އަދި ވަރަށް ޔަގީން ކާނާ އެވެ.

ކެއުމުގައި ހިމަނަންވީ ތަރުކާރީ އާއި މޭވާ، ޕްރޮޓީން ހިމެނޭ ކަނޑު މަސް، އެއްގަމު މަސް، އަދި ތަފާތު ވައްތަރުގެ އޮށް އޮށެވެ. މީގެ އިތުރުން ފެހިކަން ގަދަ ފަތާއި ލޯ ފެޓް ކިރަކީ ކެއުމުގައި ހިމަނަންވީ ބައިތަކެވެ.

މީގެ ތެރެއިން ވިޓަމިން ސީ އެކުލެވޭ ތަރުކާރީ އާއި މޭވާ ފަދަ އެއްޗެހި ކެއުމުން މައިމީހާގެ ބަނޑުގައި ކުއްޖާ އޮތް ފާރު ހިއްކުމަށް އެހީވެދެ އެވެ.

ވިހެއުމާއި ގުޅިގެން ނިކުންނަ ބަނޑު ހިންދުމަށް އެހާ އަވަހަށް ކަސްރަތު ކުރުމަކީ އުނދަގޫ ކަމަށް ވެދާނެ އެވެ. އެކަމަކު އަމިއްލައަށް އުޅެވޭ ވަރުވުމުން ބަނޑު ހިންދުމަށް ކުރެވިދާނެ ރަނގަޅު ކަސްރަތުތައް ހުރެ އެވެ.

ހަރު ތަނެއްގައި މަޑުމަޑުން އޮށޯތުމަށް ފަހު ބާރަށް އެތެރެއަށް ނޭވާލައި، ބަނޑު ފިއްތާލައިގެން ދެތިން ސިކުންތު އޮންނާށެވެ. އޭރުން ބުރަކަށްޓަށް ފަސޭހަވެ ވިހެއުމާއި ގުޅިގެން މައިބަދައަށް އައިސް ހުންނަ ބަދަލުތައް ރަނގަޅުވާނެ އެވެ.

ރީތިކޮށް ހަށިގަނޑު ދަމާލުމަށްފަހު ކަކޫ މައްޗަށް ނެގުމަށް ދެ ފައި ކައިރިކޮށްލާށެވެ. ދެން ކޮނޑާއި ބޯ އެކަނި ޖެއްސުމަށް ފަހު ބަނޑާއި އެކު ކަކުލާ ހިސާބަށް ހަށިގަނޑު ސީދާ ކޮށްލާށެވެ. އެއީ ވިހެއުމާއި ގުޅިގެން ބަނޑާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބިފައި ހުންނަ ގެއްލުންތަކަށް ފަރުވާ އަކަށެވެ.

ވިހެއުމަށް ފަހު މާ ގިނަ ދުވަސް ނުކޮށް ސިއްހީގޮތުން މައްސަލައެއް ނެތް ނަމަ ގިނައިން ހިނގަން އާދަ ކުރާށެވެ. އޭރުން ވިހެއުމުން ނުކުންނަ ބަނޑު ހިނދުން އަވަސް ވާނެ އެވެ.