ސްޕެއިންގެ ރަނިކަން ދެން އެންމެ އަވަހަށް ލިބޭނެ ކަމަށް ބެލެވޭ ޝާހީ އާއިލާގެ އުމުރުން 17 އަހަރުގެ އަމީރާ ތިން އަހަރުގެ ޓްރެއިންއެއްގައި އަސްކަރިއްޔާއާ ގުޅެން ތައްޔާރުވެއްޖެ އެވެ.
އެގައުމުގެ ޑިފެންސް މިނިސްޓަރު މާގަރިތާ ރޮބްލްސް ވިދާޅުވީ ޕްރިންސަސް ލެނޯރް އަސްކަރިއްޔާއާ ގުޅިވަޑައިގަންނަވާނީ އަންނަ އޮގަސްޓް މަހު ކަމަށެވެ.
އަޑިގުޑަން ގަނޑެއްގެ ތެރޭގައި ސްޕެއިންގެ ރަސްކަން އޮތްއިރު ރަސްކަން ވާރުތަވާ ލިސްޓުގެ އެއްވަނާގައިވާ ޕްރިންސަސް ލެނޯރް އަސްކަރިއްޔާއާ ގުޅެނީ އެކަމަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
ސްޕެއިންގެ ގާނޫނު ބުނާގޮތުން ރަސްކަމަށް ނުވަތަ ރަނިކަމަށް އިސްވާ ފަރާތެއްގެ ކިބައިގައި އަސްކަރީ ތަޖުރިބާ ހުންނަން ޖެހޭނެ އެވެ.
މިވަގުތު ހައި ސްކޫލުގައި އުޅެމުން އަންނަ ޕްރިންސަސް ލެނޯރްއަށް އަސްކަރީ މަރުކަޒުތަކުގައި އެންމެ ހަރުކަށި ތަމްރީނުތައް ދެވޭނެ ކަމަށް ވެސް މާގަރިތާ ވިދާޅުވި އެވެ.
ރަސްކަމާއި ވެރިކަމުގައި އަންހެނުންގެ ދައުރު އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ސްޕެއިންގެ ތަހުތަށް ޕްރިންސަސް ލެނޯރް އައުމަކީ އެކަމަށް އިތުރު ބާރެއް ދޭނެ ކަމެކެވެ.