އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި، ރާއްޖެއަށް "އޮޓޯ ރިކްޝާ" އަދި "އޮޓޯ" އެތެރެކުރުމުގެ ހުއްދަ ނުދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިގަވާއިދު ފުރަތަމަ އެކުލަވާލާ އަމަލުކުރަން ފެށީ 2012 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރުމުގައި، އަތޮޅުތަކުގެ ރަށްރަށުގައި ބޭނުންކުރާ ބައެއް ކަހަލަ އިންޖީނުލީ އުޅަނދުތަކުގެ ލައިސަންސް ކެޓަގަރީތައް ހިމެނިފައި ނުވާތީ، އެކަން ހިމެނުމުގެ ގޮތުންނެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި B3 ، B4 ، C3 އަދި C4 މިކެޓަގަރީ ތަކުގެ އުޅަނދު ބަޔާންކޮށްފައިވީ ނަމަވެސް، ރަޖިސްޓްރޭޝަން ގަވާއިދުގައި މި އުޅަނދުތަކުގެ ކެޓަގަރީތައް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ 3 ފުރޮޅުލީ މީހުން އުފުލާ "ބަގީ" ތަކާއި ރަށު ޕިކަޕް ރަޖިސްޓަރީ ކުރުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަން ގަވާއިދާއި ފުށުއެރުންތައް ހުރުމާއި އަދި 3 ފުރޮޅުލީ މީހުން އުފުލާ "ބަގީ" އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުގައިވެސް ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ގަވާއިދުގައި 3 ފުރޮޅުލީ "ބަގީ" ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ އެފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ދަތިކަން އޮތްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހާއެކު މިކަމަށް ހައްލު އަންނާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީ މިހާރު އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 3 ފުރޮޅުލީ އުޅަނދުގެ ގޮތުގައި "އޮޓޯ ރިކްޝާ" އަދި "އޮޓޯ" ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި "އޮޓޯ ރިކްޝާ" އަދި "އޮޓޯ" ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ރާއްޖޭގައި ނެތް ކަމަށާއި، ކުރިޔަށް އޮތްތާގައި ވެސް އެ ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

އަލަށް ގެނައި އިސްލާހުގައި، ލައިސަންސް ގަވާއިދުގެ B3 ކެޓަގަރީގައި ހިމެނެނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދެވެ. އެގޮތުން މި އުޅަނދުތަކަކީ މިހާރު ވެސް މީހުން އުފުލާ "ބަގީ"ގެ ގޮތުގައި ފަސިންޖަރުން އުފުލުމަށް ރާއްޖޭގެ ރިޒޯޓުތަކުގައާއި ބައެއް ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކެވެ. ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ 4 ފުރޮޅުލީ އުޅަނދު ފަހަރަށެވެ.

މި ގަވާއިދަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި، 3 ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު އެއުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެ ގޮތަށް ކެޓަގަރައިޒު ކުރުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.