މައްކާ (މާޗް 18) - ބައްތިރީސް އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު މައްކާގެ މާތްވެގެންވާ މަސްޖިދުލް ހަރާމްގެ އިމާމުކަމުންނާއި ޚަތީބުކަމުގެ މަގާމުން ދުނިޔެ އަށް މަޝްހޫރު ގާރީ ޝައިޚް ސައުދު ޝުރައިމް ރިޓަޔާކުރައްވައިފި އެވެ.

މައްކާގެ ހަރަމްފުޅުގެ އިމާމުކަމުގެ މަގާމުން ޝައިޚް ޝުރައިމް ރިޓަޔާކުރެއްވިކަން ޔަގީންވެފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ތަރާވީހުގެ ޝެޑިއުލް ނެރުނު އިރު އެމަނިކުފާނުގެ ނަންފުޅު ހިމެނިފައި ނުވާތީ އެވެ. ޝައިޚް ޝުރައިމް އިމާމްވެ ހަރަމްފުޅުގައި އެންމެ ފަހުން ނަމާދުކުރައްވާފައި ވަނީ މި އަހަރުގެ ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހު އެވެ.

ޝައިޚް ޝުރައިމް އިމާމުކަމުން ރިޓަޔާކުރައްވާކަމުގެ އަޑުތައް ފެތުރެން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް ޝައިޚް ރިޓަޔާކުރައްވާ ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި ހަރަމްފުޅުގެ އިމާމުކަމުގެ އެއްބަސްވުން އާކުރައްވަން، އަމިއްލަފުޅު ސަބަބުތަކަށްޓަކައި ޝެއިޚް ބޭނުންފުޅު ނުވީ އެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ޝައިޚް ޝުރައިމްގެ ޓްވިޓާ އެކައުންޓް 2018 ވަނަ އަހަރު ބަންދުކުރި ކަމަށް ޚަލީޖު އޮންލައިނުން ރިޕޯޓްކޮށްފައިވެ އެވެ. މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސައުދީ ސަރުކާރުގެ ސިޔާސީ އަދި އިޖްތިމާއީ ބައެއް ސިޔާސަތުތަކާ ޝުރައިމް ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. ޚާއްސަކޮށް ސައުދީ އަށް މިހާރު ގެންނަ އިސްލާހީ ބައެއް ބަދަލުތައް އިސްލާމީ އުސޫލުތަކާ ތައާރުޒްވާ ކަމަށް ޝައިޚް ވަނީ ވިދާޅުވެފަ އެވެ.

https://www.youtube.com/watch?v=0EkP2L7sGLo

މަސްޖިދުލް ހަރާމްގެ އިމާމުގެ މަގާމުން ޝައިޚް ޝުރައިމް ވަކިވެވަޑައިގަތުމަކީ އެ އަޑަކުން ގުރާން ކިޔަވާ އަޑުއަހާލަން ބޭނުންވާ އެތައް ބަޔަކަށް ލިބޭނެ ބޮޑު ހިތާމައެކެވެ. ޝައިޚް ޝުރައިމް އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގްބޫލް ގާރީ އެކެވެ.

ޝުރައިމް ރިޓަޔާކުރެއްވި އިރު ހަރަމްފުޅުގެ އިސް އިމާމް ޝެއިޚް އަބްދުއްރަހުމާން ސުދައިސް އިމާމުގެ މަގާމު އަދާކުރައްވާތާ 40 އަހަރު ވަނީ ފުރިފަ އެވެ. މި ދެބޭފުޅުން އެކުގައި އެންމެ ފަހުން ތަރާވީހު ނަމާދު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހު އެވެ.

ޝައިޚް ޝުރައިމް (ވ) އާއި ޝައިޚް ސުދައިސް.

ޝުރައިމް ރިޓަޔާ ކުރެއްވި ނަމަވެސް ތަރާވީހު ނަމާދުކުރެއްވުމަށް ވަގުތީ އެއްބަސްވުމެއްގެ ދަށުން ހަރަމްފުޅަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތެވެ.

ޝައިޚް ޝުރައިމް އުފަންވެވަޑައިގެންނެވީ 1964 ވަނަ އަހަރު ރިޔާޒުގަ އެވެ. އެމަނިކުފާނު ވަނީ މައްކާގެ އުއްމުލް ގުރާ ޔުނިވާސިޓީގެ ޑީން އަދި ސްޕެޝަލިސްޓް ޕްރޮފެސަރުގެ މަގާމު އަދާކުރައްވައިފަ އެވެ. ޝެއިޚް ޝުރައިމް ޕީއެޗްޑީ ހެއްދެވީ ވެސް އުއްމުލް ގުރާ ޔުނިވާސިޓީންނެވެ. އަދި މައްކާގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ. ޝައިޚް ޝުރައިމް ވަނީ ވަރަށް ގިނަ ފޮތްތަކާއި ރިސާޗްތައް ޝާއިއުކުރައްވައިފަ އެވެ.