ބަރުދަން ލުއި ކުރުމުގެ ގޮތުން ކުރާ "ޑައިޓް" ތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ތަރުކާރީ ކެއުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އަދި ހަމަ އެކަނި ތަރުކާރީ ކާ ނަމަ ބަރުދަން ވަގުތުން ލުއިވާން ފަށާނެ ކަމަށް މީހުން ގަބޫލު ކުރެ އެވެ. މިގޮތަށް ގަބޫލުކޮށް "ވެޖިޓޭރިއަނުން" ނަށް ބަދަލުވާ މީހުންވެސް އުޅެ އެވެ.

އެހެން ނަމަވެސް ވެޖިޓޭރިއަން އަކަށް ވުމުން މީހާގެ ބަރުދަން ލުއިވާނެ ކަން އެއީ ޔަގީން ކަމެއް ނޫން ކަމަށްވެ އެވެ. ސަބަބަކީ ވެޖިޓޭރިއަން ޑައިޓުތަކުގައި އެކުލެވޭ ކޭކާއި ބިސްކޯދާއި މެޓާ ފަދަ ތަކެއްޗަކީވެސް މީހާގެ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިނުމުގެ ބަދަލުގައި މީހާ އިތުރަށް ބަރުދަން އިތުރު ކުރުމަށް އެހީވެދޭ ތަކެއްޗަށް ވުމެވެ.

ތަރުކާރީ ކައިގެން ހިކެން ބޭނުން ނަމަ، ނުވަތަ ބަރުދަން ލުއިކުރަން ބޭނުން ނަމަ، ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. މަހުގެ ބާވަތްތަކުން ދުރުވުމުން، އެ ބާވަތްތަކުން ލިބޭ ޕްރޮޓީންސް ފަދަ ބާވަތްތައް ލިބޭނެ ގޮތަށް ކެއުން ބައްޓަން ކުރުމަކީ މުހިންމު ކަމެކެވެ.

އެގޮތުން ބީންސް އާއި ބަދަން އަދި ސޯއީ ބީން އަކީ ޕްރޮޓިންގެ މާއްދާ ހިމެނޭ ތަކެއްޗެވެ. މީގެ އިތުރުން ވެސް ހިކެން ބޭނުން ނަމަ، ކެއުމުގެ ޕޯޝަން އަށާއި ކެލޮރީ އިންޓޭކަށް ބެލުމަކީވެސް މުހިންމު ކަމެކެވެ.

މިކަންކަމުން އެނގޭ ކަމަކީ މަހުގެ ބާވަތްތައް ކެއުން ދޫކޮށްލައި ވެޖިޓޭރިއަން ޑައިޓެއް ބޭނުން ކުރުމަކީ ބަރުދަން ލުއި ކުރަން ވަކި އެހީވެދޭ ކަމެއް ނޫން ކަމެވެ.