ބަރަކާތްތެރި ރޯދަ މަސް މިވަނީ ބޯމަތިވެފަ އެވެ. މިރެއަކީ މި މާތް މައްސަރުގެ ފުރަތަމަ ރެއަށް ވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހު މާލޭގެ މަގުތައް އިހުނަށްވުރެ ހަލަބޮލިކަން ފާހަގަ ކުރެވުނެވެ.

ރޯދަ ސޭލްއެއް ނާޅުވާ ފިހާރައެއް މަދެެވެ. ރޯދައަށް ހާއްސަކޮށްގެން މުދާ އާނުކުރާ ފިހާރައެއް ނެތެވެ. ވިޔަފާރިވެރިންގެ މި އުކުޅުތަކަކީ ދިވެހިންނަކީ ރޯދައަށް ތައްޔާރުވާން ބާޒާރުކުރާ ބައެއްކަން ދަނެތިބެ ބޭނުންކުރާ އުކުޅުތަކެކެވެ.

ގޭތެރޭގެ ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ބަދިގެއަށް ބޭނުންވާ ކާބޯތަކެއްޗަށް ދަންދެން ގަނޑުކޮށް ގަންނަ މީހުން މާލޭގައި ވެސް މަދެއް ނޫނެވެ. މި ހަފްތާގައި މާލޭގެ މަގުތައް ފުރިފައި އޮތީ އެފަދަ މީހުންނައިގެންނެވެ.

ރޯދަ މަސް ފެށެން އެއްދުވަހަށް ވެފައިވާއިރު ގިނަ މީހުންގެ ރޯދަ ބާޒާރު އޮންނާނީ ނިމިފަ އެވެ. އެހެން ނަމަވެސް މިގޮތަށް ބާޒާރު ކުރާއިރު ސަމާލުވާންވީ ކަންކަން ވެސް ހުރެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާއެކު ގެއިން އުކާލާ ކުނިތައް އެތައް ގުނައެއް އިތުރުވެ އެވެ. ބޭނުން ކުރެވޭ ހާލަތުގައި ހުންނަ ތަކެތި ވެސް އާ ކުރުމުގެ ބޭނުމުގައި އެއްލާލެވެ އެވެ. މިއީީ އިސްރާފު ކުރުން ނޫންތޯ އެވެ.

ރޯދަ މަހުގެ ރޫހަކީ އެއީ އެއް ނޫނެވެ. ރޯދަ މަހާ ގުޅުވައިގެން އިސްރާފު ކުރުން ގިނަކޮށްގެން ނުވާނެ އެވެ. މުދަލާއި ކާބޯތަކެތިން ވިޔަސްމެ އެވެ.

އެހެން ކަމުން އުކާލަން ބޭނުންވާ ނަމަވެސް ބޭނުން ކުރެވޭ ހާލަތުގައިވާ ތަކެތި ނިކަމެތި އާއިލާއަކަށް ހަދިޔާ ކުރުން ރަނގަޅުވާނެ އެވެ. ރޯދައިގެ އުފަލާއެކު ނިކަމެތިންނަށް އެހީ ވެސް ވެވުނީ އެވެ.