ތިރީހަށް ވުރެގިނަ ފަހަރު ކޮނޑުހުޅު ނެއްޓުނު މީހެއް ކާމިޔާބު އޮޕަރޭޝަނެއް ރާއްޖޭގައި ކޮށްފި އެވެ.

މިއީ ރާއްޖޭގައި ކުރި އެންމެ ފުރަތަމަ ލެޓާޖޭ އޮޕަރޭޝަނެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅުކޮށް އިތުރަށް ނެއްޓުނަ ނުދިނުމަށް ކުރާ އޮޕަރޭޝަނެކެވެ.

ކޮނޑުހުޅު ނެއްޓުނު މީހާގެ އޮޕަރޭޝަން ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރަނީ.

މި އޮޕަރޭޝން ކުރަނީ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެންނެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި އުމުރުން 70 އަހަރުގެ މީހެއްގެ އެ އޮޕަރޭޝަން ކުރީ 30 ފަހަރަށް ވުރެ ގިނަ ފަހަރު ކޮނޑު ހުޅު ނެއްޓުމުންނެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އަދި ރާއްޖޭގައި ކަށީގެ އޮޕަރޭޝަންގެ ދާއިރާ ކުރިއަރަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.

"މުޅި ރާއްޖޭގައިވެސް އަލަށް ކުރެވުނު މި އޮޕަރޭޝަން އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ކުރުމަކީ އިތުރަށް ޚާއްސަވެގެންދާ ކަމެށް،" އެ ހޮސްޕިޓަލުން ބުންޏެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މި ނޫނަސް ކަށީ ބޮޑެތި އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރާ ހޮސްޕިޓަލެކެވެ. އެގޮތުން ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ހިމެނެ އެވެ.