ހުޅުމާލޭ ފޭސް 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުނުވެ އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2ގެ ނިރޮޅުމަގާ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުނުވެ ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ދެ ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ކާރު ދުއްވާފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ "އީ" ކެޓަގަރީގެ ނުވަތަ ކާރު ލައިސަންސް ނެތް ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހިނގި އެކްސިޑެންޓް ފުލުހުން ތަހުގީގުކުރަނީ. ފޮޓޯ: ޕޮލިސް

މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.