ރާއްޖޭގައި މެޑިކަލް މަރުއާނާ ހުއްދަ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ބާރުގަދަ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އެކަމުން ސަލާމަތް ކުރުމަށް އޮތް ހައްލަކީ އެއީ ކަމަށެވެ.

"ބާރުގަދަ ޑްގަރް ބޭނުން ކުރާ މީހުންނާ އެއްވަރުގެ ހުކުމް މި އަންނަނީ. މެޑިކަލް މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި، އެއީ މިކަމަށް އޮތް ބޭހަކީ،" ޖާބިރު ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖޭގައި ހުއްދަ ކުރަން މަޖިލީހުގައި ޖާބިރު ގޮވާލި ނަމަވެސް ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ގަސަމް އަފީފު އެކަން ހުއްޓުވާފައެއް ނުވެ އެވެ.

ޖާބިރުގެ އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާނަގާ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން ވާހަކަ ދައްކަވަމުން ވެސް ޖާބިރު ވަނީ އޭނާގެ ވާހަކަތައް ދިފާއުކޮށްފަ އެވެ.

އެގޮތުން "ފެހި" ދުންފަތް އިސްލާމީ އެހެން ގައުމުތަކުގައި ވެސް ހުއްދަ ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.