ރޯދަ މަހަކީ އަހަރުމެންގެ ދިވެހިންގެ ކެއިންބުއިމަށް ވެސް ބޮޑު ބަދަލުތަކެއް އަންނަ މަހެކެވެ. ހަމަ އެފަދައިން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރޯދަ މަހަށް ހާއްސަ ކެއިންބުއިމުގެ އާދަތައް ގެންގުޅެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ އާދަތަކަށެވެ.

ކަރާޗީ، ޕާކިސްތާން

އަވަށްޓެރި ޕާކިސްތާނުގައި ހާރުދަމާއި ރޯދަ ވީއްލުމުގައި އެންމެ ގިނައިން ބޭނުން ކުރެވެނީ މޭވާއާއި އެއިން ހަދާފައިވާ އެހެން ކެއުންތަކެވެ. ތެލުލި ކެއުންތައް މަދުމަދުން ނަމަވެސް ސުފުރާ މަތިން ފެނެ އެވެ.

ތެހްރާން، އީރާން

މެދުއިރުމަތީގެ އީރާނުގައި ރޯދަ މަހު އެންމެ ހިނގާ ބާވަތްތަކަކީ ފޮނި ކާތަކެއްޗެވެ. އެގޮތުން އެކި ކަހަލަ ސޫޖީތަކާއި ކޭކު ފަދަ ބާވަތްތައް އީރާނުގެ ސުފުރާތަކުން ފެންނާނެ އެވެ.

ކާބުލް، އަފްޣާނިސްތާން

އަފްޣާނިސްތާނުގެ ސުފުރާތަކުން ރޯދަ ވީއްލާ ގަޑީގައި ކާޑުގެ ބާވަތެއް ނުފެނި ނުދާނެ އެވެ. އެގޮތުގެ ކޮންމެވެސް ކަހަަލަ ބަތްގަނޑެއް އެގައުމުގައި ރޯދަ ވީއްލަން އާއްމުކޮށް ތައްޔާރު ކުރެވެ އެވެ.

ރަބަތު، މޮރޮކޯ

މޮރޮކޯގައި ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރެވޭ ބާވަތަކީ ފުށެވެ. އެގޮތުން ފުށުން ތައްޔާރުކުރާ މަޑުފޮޅިއާއި ރޮށި އަދި ޕޫރީ ފަދަ ތަކެތި މޮރޮކޯގައި މިމަހު އާއްމުކޮށް ބޭނުން ކުރެވެ އެވެ. އެއާއެކު ބޭނުންކުރެވެނީ ތަރުކާރީގެ ރިހަގަނޑެކެވެ.

ތޫނިސް، ޓިއުނީޝިއާ

މި ގައުމުގައި ރޯދަ މަހު ވަރަށް ގިނައިން މަހުގެ ބާވަތްތައް ބޭނުން ކުރެވެ އެވެ. އެގޮތުން ފިހެގެންނާއި ރިހަ އަދި ހެދިކާގެ ބާވަތްތަކުގެ ގޮތުގައި ކުކުޅު، ގެރި އަދި ބަކަރި މަސް އާއްމުކޮށް އެގައުމުގެ ސުފުރާތަކުން ފެންނާނެ އެވެ.