ރޯދަ މަހަށް ހާއްސަ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓެއް ހަދާނަމަ ކަދުރަކީ އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެއް ބާވަތެވެ. ރޯދަ ވީއްލުމުގައި ކަދުރު ބޭނުންކުރަން ދީނުގައި ވެސް ބާރު އަޅާއިރު ގިނަ ބަޔަކު އެކަން ކުރާ ކަން ވެސް ފާހަގަ ކުރެވެ އެވެ.

ކޮންމެ އަހަަރަކު ވެސް ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ކަދުރު ތިޔާގިވެ އެވެ. އެކި ބްރޭންޑުތަކުގެ ކަދުރުން ފިހާރަތަކުގެ ހަރުތައް ފުރާލަ އެވެ. ދެން އުފެދޭ ސުވާލަކީ މި ވައްތަރުތަކުގެ ތަފާތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.

މަޖްދޫލް

އެހެން ވައްތަރުތަކުގެ ކަދުރުތަކާ އަޅާބަލާއިރު ސައިޒުން ބޮޑު މުށި ރަންކުލައިގެ މަޖްދޫލް ކަދުރަކީ ރަހައިގެ ގޮތުން ބަލާއިރު ވެސް ވަރަށް ފޮނި ކަދުރެކެވެ.

މަބްރޫމް

ހިމަ ދިގަށް ހުންނަ މި ކަދުރުގައި އެހެން ކަދުރުތަކާ އަޅާކިޔާއިރު ފޮނިރަހަ ވަރަށް މަޑުވާނެ އެވެ. މަބްރޫމް ކަދުރު ފާހަގަ ވެފައިވަނީ ގިނައިން ހަފަންޖެހޭ ކަދުރެއްގެ ގޮތުގަ އެވެ.

އަޖްވާ

މުސްލިމުންގެ މެދުގައި އެންމެ މަގުބޫލު އަޖްވާ ކަދުރަކީ މީރު ފޮނި ރަހައެއް ހުންނަ ކަދުރެކެވެ. މި ކަދުރު އުފައްދަނީ ސައޫދީ އަރަބިއާގެ މަދީނާގަ އެވެ.

ޑެގްލެޓް ނޫރު

މެދު ސައިޒެއްގެ މަޑު ޑެގްލެޓް ނޫރު ކަދުރަކީ އާއްމުކޮށް ކެއްކުމުގައި ބޭނުންކުރާ ކަދުރެވެ. މި ކަދުރުން ކޭކާއި އެހެން ބާވަތްތަކުގެ ކެއުންތައް ތައްޔާރު ކުރެވެ އެވެ.

ޕިއަރޮމް

ކުލަގަދަ ކަދުރެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި ކަދުރަކީ އާއްމުކޮށް ހިކި އެހެން ނަމަވެސް އެއަށް ވަރަށް ތަފާތު ރަހައެއް ލިބިގެންވާ ކަދުރެކެވެ.

ކަދުރަކީ ސިއްހީ ގޮތުން ފައިދާ ކުރުވަނިވި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. އެގޮތުން އޭގައި އެކުލެވޭ ފްރުކްޓޯސްގެ ސަބަބުން ރޯދަ ހިފުމަށްފަހު ހަށިގަނޑަށް ހަކަތަ ލިއްބައިދެ އެވެ. އެންޓިއޮކްސިޑަންޓްތަކުން ބަލިތަކުން ދުރުކޮށްދެ އެވެ.

ކަދުރުގެ ދެ ވައްތަރެއްގެ ރުއް ހެދޭއިރު މޭވާ އަޅަނީ ހަމައެކަނި އަންހެން ރުކުގަ އެވެ. ކަދުރު ރުއް އާއްމުކޮށް ހެދެނީ މެދުއިރުމަތި ފަދަ ހޫނު ގަދަ ސަރަހައްދުތަކުގަ އެވެ.

ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ނުވަ މިލިއަން މެޓްރިކް ޓަނުގެ ކަދުރު އުފައްދާއިރު ކަދުރު އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމަކީ މިސްރެވެ.

އެގޮތުން މިސްރުން ކަދުރު މާކެޓްގެ 18 ޕަސެންޓް ހިއްސާކުރާއިރު ސައުދީ އަރަބިއާއިން ހިއްސާކުރަނީ 17 ޕަސެންޓެވެ. ޖެހިގެން އޮތް އީރާނުގެ ހިއްސާއަކީ 14 ޕަސެންޓެވެ.