ދިވެހި ތާރީހުގެ މައިގަނޑު އެއް ބާބު ކަމަށްވާ ބޮޑުތަކުރުފާނު ވާހަކަ އިނގިރޭސި ބަހުން ލިޔެ ދުނިޔޭގެ ފެންވަރުގެ ވެބްސައިޓެއްގައި ވިއްކަން ނެެރެފި އެވެ.

އަރަމުން އަންނަ ލިޔުންތެރިޔާ އަހުމަދު އަލީމް ލިޔެފައިވާ މި ވާހަކަ ސިލްސިލާއަކީ ފަސް ބައަކަށް ބަހާލައިގެން ނެރެން ހަމަޖެހިފައިވާ ވާހަކައެއް ކަމަށާއި އެގޮތުން މިހާރު ބާޒާރަށް ދޫކޮށްލާފައި އެވަނީ ވާހަކައިގެ ފުރަތަމަ ބައި ކަމަށް އޭނާ ބުންޏެވެ.

"ދަ ޓައިޑްސް އޮފް ކާއޯސް: ޕްރީލޫޑް ޓު ޑާކްނަސް"ގެ ނަމުގައި ނެރެފައިވާ ވާހަކައިގެ ފުރަތަމަ ބައި މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ ޕޯޗުގީޒުންގެ ލީޑަރު އެންްރިއު އެންޑްރިއު (އަނދިރި އަނދިރީން)ގެ ހަޔާތުގެ މައްޗަށް ކަމަށް އަލީމް ބުންޏެވެ.

އަލީމް އިތުރަށް ބުނީ ދިވެހި ތާރީހް ބޭރުގެ ދުނިޔެއަށް އަންގައިދެވޭނެ ގޮތެއް ނެތް ކަމަށާއި މިފަދަ ފޮތެއް އިނގިރޭސި ބަހުން ލިޔުމުގެ ބޭނުމަކަށް ވީ ދިވެހި ތާރީހުގެ ސަފްހާތައް ބޭރުގެ ދުނިޔެއަށް ކިޔައިދިނުން ކަމަށެވެ.

ފޮތް އެކުލަވާލުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުތައް ދިމާނުވުން ކަމަށާއި އެހެން ކަމުން ފޮތުގައި ހިމަނާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވެސް އަލީމް ފާހަގަ ކުރި އެވެ.

2021 ވަނަ އަހަރު "ހުރިހާ"އަށް ދިން އިންޓަވިއުއެއްގައި އޭނާއަކީ ތާރީހުގެ ކަންކަމަށް އެންމެ ކުޑައިރުއްސުރެ ވެސް ޝައުގުވެރިކަން ހުންނަ ފަރާތެއް ކަމަށާއި އާއިލާގެ ފަރާތުން ލިބުނު ލިޔުންތެރިކަމާއި ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން މިފަދަ މަސައްކަތެއް ކުރަން އަބަދުވެސް ބޭނުންވި ކަމަށް އަލީމް ބުނެފައިވެ އެވެ.

މި ފޮތުގެ އީބުކް މިހާރު އެމޭޒަންގައި ގަންނަން ލިބެން ހުރިއިރު ރަސްމީކޮށް ފޮތް ނެރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަލީމް ބުންޏެވެ.

އުއްމީދަކީ ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުން ކަމަށް ބުނަމުން އަލީމް އިތުރަށް ބުނީ މި ވާހަކައިގެ ދެވަނަ ބައިވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ކިޔުންތެރިންނާ ހަަމައަށް ގެނެސްދޭނެ ކަމަށެވެ.