ރ. މަޑުއްވަރީގައި މިއަދު ޕިކަޕަކުން ޖެހި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ތިން ކުދިންގެ ބައްޕަ އަސްލަމް ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޑުއްވަރީގަައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު، ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
އޭނާ މަރުވީ، އެ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި މަރުވީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.
އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އަސްލަމްގެ އެއް ފައި އޮތީ ފަލަމަސްގަނޑު ކައިރިން ބުރިވެފައި ކަމަށްވެ އެވެ. އަދި އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެ އެވެ.
ކުރިން ހޯމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އަސްލަމް މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ މީގެ ހައެއްކަ މަސް ކުރިންނެވެ.