ލޯބީގެ ގޮތުން އަންހެން ކުއްޖަކާ ގުޅިގެން އުޅޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އެންމެ ފަހުން އެއްބަސް ވެއްޖެ އެވެ.

އޭނާ މި ބީދައިން ވާހަކަ ދައްކާފައިވަނީ 68 ވަނަ ފިލްމުފެއާ އެވޯޑްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ސަލްމާންއަކީ މުޅި އިންޑިއާގެ "ބައިޖާން" - (ބޭބެ) ކަމަށް ބުނެފަ އެެވެ.

އެއަށް ޖަވާބު ދެމުން ސަލްމާން ބުނީ އޭނާއަކީ ހުރިހާ އެންމެންގެ ބައިޖާން ނޫން ކަމަށާއި ބައެއް މީހުންގެ "ޖާން" - (ލޯބިވެރިޔާ) ކަމަށެވެ. ސަލްމާން އެހެން ބުނުމާއެކު އެތަނަށް އެއްވެ ތިބި މީހުން ވަނީ ހަޅޭއްލަވައި އޭނާއަށް ތަރުހީބު ދީފަ އެވެ.

ސަލްމާންގެ ކައިވެނީގެ ވާހަކަތަކަކީ ބޮލީވުޑްގައި އަބަދުވެސް އެންމެ އަޑުގަދަކޮށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ. އޭނާ އަކީ 90 އަހަރުތަކުގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން ކައިވެނި ނުކޮށް ހުރި ހަމައެކަނި އެކްޓަރެވެ.

މީގެ ކުރިން އައިޝްވާރްޔާ ރާއީ، އަޔޭޝާ ޓާކިއާ އަދި ކެޓްރީނާ ކައިފް ފަދަ އަންހެން ތަރިންނާއެކު ސަލްމާންގެ ނަން ގުޅުވުނު ނަމަވެސް އެއިން އެއްވެސް ގުޅުމެއް ކައިވެންޏާ ހިސާބަށް ގޮސްފައެއް ނުވެ އެވެ.