އެމެރިކާގެ މެސަކުސެޓްގައި ދިރިއުޅޭ އެ މަންމައަށް ހައިރާންކަން ލިބުނީ އޯޑަރު ނުކުރާ އެމޭޒަންގެ ގިނަ ޕަކޭޖުތަކެއް އޭނާގެ ގެއަށް އައުމުންނެވެ.
ރަނގަޅަށް ހަބަރު ބަލާލިއިރު އެނގިގެން ދިޔައީ އޭނާގެ އުމުރުން ހަ އަހަރު ނުވާ ކުޑަ ދަރިފުޅު އޭނާގެ އެމޭޒަން އެކައުންޓުން 3000 އަށްވުރެ ގިނަ ޑޮލަރުގެ ކުޅޭ އެއްޗިއްސަށް އޯޑަރު ދީފައިވާ ކަމެވެ.
އާދައިގެ މަތިން މަންމަގެ ފޯނު ކުޅެލަން ދިއުމުން އެ ދަރިފުޅު އޯޑަރުކުރި ތަކެތީގެ ތެރޭގައި ކުދި ސައިކަލުތަކާއި ކައުބޯއީ ބޫޓެއްގެ އިތުރުން އެހެން ކުޅޭ އެއްޗެހި ވެސް ހިމެނެ އެވެ.
ޖެސިކާ ނޫންސް ބުނި ގޮތުގައި އޭނާގެ ފަސް އަހަރުގެ ދަރިފުޅަށް ފޯނު ދިނީ އެ ދެމައިން ކުރި ކާރު ދަތުރެއްގައި ދަރިފުޅު ފޫހިވެގެން އުޅޭތީ ގޭމެއް ކުޅެލުމަށެވެ. އެހެން ނަމަވެސް އެއިން އެ ކުއްޖާ އެތައް ހާސް ޑޮލަރެއްގެ ވިޔަފާރި ކުރާނެ ކަމަށް އޭނާގެ ހިތަކަށްވެސް ނާރަ އެވެ.
ޖެހިގެން އައި ދުވަހު ޖެސިކާއަށް އައީ އޭނާގެ އޯޑަރު ފޮނުވެވިފައިވާ ކަމަށް ބުނެ އީމެއިލެކެވެ. ކަންތައް ވީގޮތް ރަނގަޅަށް ބަލައި އޯޑަރު ކެންސަލް ނުކުރެވިގެން އުޅެނިކޮށް އޯޑަރުކުރި ތަކެތި ހުރީ އޭނާގެ ދޮރުމަތީގަ އެވެ.
އެތަކެއްޗަށް އޯޑަރު ދިނީ ކީއްވެގެންތޯ ދަރިފުޅާ ސުވާލު ކުރުމުން އޭނާގެ ޖަވާބަކަށްވީ އޭގެ އެއްޗެއް ބޭނުންވެގެން ކަމަށް ޖެސިކާ އިނގިރޭސި ނޫހަކަށް މައުލޫމާތު ދިނެވެ.
ޖެސިކާ އިތުރަށް ބުނީ އޭނާގެ ދަރިފުޅަށް އެކަމުގެ އަދަބު ނުދޭ ކަމަށާއި އެހެން ނަމަވެސް އެކަމުން ފިލާވަޅެއް ނަަގައިދޭނެ ކަމަށެވެ. އޯޑަރުކުރި ކުޅޭ އެއްޗެހި ލިބޭނީ ބަސް އަހައިގެން އުޅުމުން ކަމަށް ދަރިފުޅަށް އަންގައިދީފައިވާނެ ކަމަށް ޖެސިކާ ބުންޏެވެ.