ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކިސީކީ ބާއީ ކިސީކީ ޖާން"ގެ ޓިކެޓު ވިއްކަން ފަށާފައިވާއިރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެގޮތުން މިއަދު ޓިކެޓު ވިއްކަން ފަށާފައިވާއިރު ފިލްމު އަޅުވާ ސިނަމާތަކުގެ ފުރަތަމަ ތިން ޝޯގެ 50 ޕަސެންޓް ވިކިފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

އޭގެ އިތުރުން ވެސް ޓިކެޓު ގަންނަން ސިނަމާތަކުގެ ބޭރުގައި މިހާރު ވެސް އިތުރު މީހުން ދިގު ކިޔޫތަކުގައި އެބަތިބި ކަމަށް ބުނެވެ އެވެ.

އާދައިގެ މަތިން ސަލްމާންގެ މި ފިލްމު ވެސް ނުކުންނާނީ ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށެވެ. ސަލްމާނަކީ އީދާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އޭނާގެ ފިލްމުތައް ނެރޭ ފަންނާނެކެވެ.

ކިސީކީ ބާއީ ކިސީކީ ޖާންގައި ސަލްމާންގެ އިތުރުން މުހިއްމު ރޯލުތަކުން ޕަލަކް ތިވާރީ އާއި ޕޫޖާ ހެގްޑޭ ވެސް ފެނިގެންދާނެ އެވެ. މި ހުރިހާ ތަރިން ވަނީ ވަރަށް ފަހުން ބާބާ ސިއްދީގީގެ އިފްތާރު ޕާޓީން ފެނިފަ އެވެ.