ކެނެޑާއަށް ނިސްބަތްވާ ފުރާވަރުގެ ޒުވާން އަންހެން ކުއްޖަކު ތަފާތު ގޮތަކަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ފާހަގަ ކޮށްފި އެވެ.
އުމުރުން 13 އަހަރުގެ އަޔާ ތަރްހުނީ ވަނީ އެ ގައުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ދަ ވިންޑްސޯ ޑައުންޓައުން މިޝަން"އަށް ދީލަތި އެހީއެއް ދީފަ އެވެ.
އެ ސަރަހައްދުގައި އުޅޭ ފަގީރު އަދި ކާބޯތަކެއްޗަށް ބޭނުންވެފައިވާ މީހުންނަށް އެހީވެދޭ އެ ޕްރޮގްރާމަށް އަޔާ ވަނީ 5000 އެމެރިކާ ޑޮލަރުގެ ދީލަތި އެހީއެއް ދީފަ އެވެ.
އަޔާގެ މި އެހީއާއެކު ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއެއްގައި 100 މީހުންނަށް ކާން ދެވޭނެ ކަމަށް ޑައުންޓައުން މިޝަންއިން ހާމަކޮށްފައިވެ އެވެ.
އަޔާ ބުނީ ރޯދަ މަހަކީ ސަދަގާތް ކުރުމުގެ މައްސަރު ކަމަށާއި އޭނާގެ އުއްމީދަކީ އޭނާގެ ގައުމުން ފަގީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން ކަމަށެވެ.
ޑައުންޓައުން މިޝަންގެ އިތުރުން ވެސް އަޔާ ވަނީ އެ ސަރަހައްދުގެ ރެސްޓޯރެންޓުތަކާ ގުޅިގެން ވެސް މިފަދަ ޕްރޮގްރާމެއް ހިންގާފަ އެވެ.
އަޔާ ބޭނުންވަނީ އޭނާގެ މަސައްކަތުގެ ސަބަބުން ރަމަޟާން މަހުގެ ރޫހު އާލާވެ އެކަމުގައި އުޅޭ މީހުންގެ ހިތުގައި ރަހުމާއި ހަމްދަރުދީގެ އިހުސާސްތައް އުފެއްދުމެވެ.