މަޝްހޫރު ބާގާ ރެސްޓޯރެންޓް މެކްޑޮނަލްޑްސްއިން އެ ރެސްޓޯރެންޓުގެ އެންމެ ފާހަގަ ކޮށްލެވޭ ސިގްނޭޗާ ބާގާތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

އެގޮތުން އަލަށް ގެނެވޭ ބަދަލުތަކުގެ ދަށުން ބާގާތަކުގެ ބަނަސްތައް މަޑުވާނެ ކަމަށާއި ޗީޒްތައް ރަހަ މީރުވާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެ އެވެ. ހަމައެއާއެކު ބާގާތަކުގެ ރަހަމީރުކޮށްދޭ މެކް ސޯސް ކޮންމެ ބާގާއެއްގައި ކުރިއަށްވުރެ ގިނައިން ހުންނާނެ ކަމަށް ވެސް އެ ރެސްޓޯރެންޓުން ބުނެފައިވެ އެވެ.

މެކްޑޮނަލްޑްސްގެ މެނޭޖްމަންޓުން އިތުރަށް ބުނީ ކުދިކުދި މި ބަދަލުތަކަކީ އެމީހުންގެ ބާގާތަކުގެ ރަހައަށް ބޮޑު ބަދަލެއް ގެނުވާނެ ބަދަލުތަކެއް ކަމަށާއި އެއީ ކަސްޓަމަރުންނަށް ކަމުދާނެ ކަމެއް ކަމަށެވެ.

މި ބަދަލުތަކަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުން އަންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓުތަކުން މިހާރު ވެސްއަމަލު ކުރަން ފަށާފައިވާ ކަމަށާއި އެމެރިކާގެ ބޮޑެތި ސިޓީތަކުން ވެސް މި ބަދަލަށް އަމަލު ކުރަން ފަށަމުން އަންނަ ކަމަށް ނޫސްތަކުން ބުނެ އެވެ.

2018 ވަނަ އަހަރު މެކްޑޮނަލްޑްސްއިން އެމީހުންގެ ބާގާތަކުގައި ތާޒާ ގެރިމަސް ބޭނުން ކުރަން ފެށިއިރު 2021 ވަނަ އަހަރު އެ ރެސްޓޯރެންޓުން ވަނީ އެތަނުގެ މެނޫއަށް ކްރިސްޕީ ޗިކަން ބާގާއެއް ތައާރަފް ކޮށްފަ އެވެ.

މެކްޑޮނަލްޑްސްގެ މި ބަދަލުތަކަކީ އެ ރެސްޓޯރެންޓްގެ ކަސްޓަމަރުން އިތުރުކޮށް ވިޔަފާރި ރަނގަޅު ކުރުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށް މެނޭޖްމަންޓުން ބުނެފައިވެ އެވެ.