ބޮލީވުޑްގެ ޒުވާން ތަރި އިލިއާާނާ ޑި ކްރޫޒް އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފި އެވެ.
އިލިއާނާގެ އިންސްޓަގުރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ތުއްތު ކުއްޖެއްގެ ހެދުމެއް ފެންނައިރު އޭގެ ކެޕްޝަންގައި ދަރިފުޅާ ބައްދަލު ކޮށްލަން ކެތްމަދު ވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އިލިއާނާގެ މިޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އޭނާގެ މަންމަ ސަމީރާ ޑި ކްރޫޒް ވެސް ހިމެނެ އެވެ.
އެހެން ނަމަވެސް ބައެއް މީހުން ވަނީ އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ވެސް ސުވާލު އުފައްދާފަ އެވެ. އިލިއާނާ މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާއިރު އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޮސްޓްރޭލިއާގެ ފޮޓޯގްރާފަރު އެންޑްރިއު ނީބޯންއާ 2019 ވަނަ އަހަރު ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭގެ ފަހުން ކެޓްރީނާ ކައިފްގެ ބޭބެ ސަބޭސްޓިއަން ކައިފްއާއި އިލިއާނާގެ ގުޅުމެއް އޮންނަ ކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް އެކަން ޔަގީންވެފައެއް ނުވެ އެވެ.
އިލިއާނާ މަޝްހޫރު ވެފައިވަނީ 2012 ވަނަ އަހަރު ނުކުތް "ބަރްފީ" ފިލްމުންނެވެ. ރަންބީރު ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެންދާ އަނޫރާގް ބާސޫގެ އެ ފިލްމަށް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ.
މިހާރުގެ މަސައްކަތްތަކަށް ބަލާއިރު އިލިއާނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ދަ ބިގް ބުލް"އިން އަބީޝޭކް ބައްޗަންއާ އެކީގަ އެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ރަންދީޕް ހޫޑާއާއެކު "ތޭރާ ކިޔާ ހޯގާ ލަވްލީ"އިންނެވެ.